ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތު'ގެ ޚާއްސަ ސްކްރީނިން އަކަށް އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތާ ހިސާބުން ފެށިގެން ވެސް ފިލްމާ ދެކޮޅަށް އަޑުއުފުލަމުން އަންނަ ޝްރީ ރާޖްޕުތު ކަރްނީ ސޭނާ އަދި ރާޖްޕުތު ސަބާއަށް ދިން ދައުވަތު ގަބޫލުކޮށްފި އެވެ.

ބަންސާލީ ފިލްމްސް އިން، ފިލްމުގެ ޚާއްސަ ސްކްރީނިންއަށް ކަރްނީ ސޭނާ އަދި ރާޖްޕުތު ސަބާއަށް ދައުވަތު ދިނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މީގެ ކުރިން ފިލްމާ ދެކޮޅަށް ކަރްނީ ސޭނާއިން މުޒާހަރާކޮށް ހެދި ނަމަވެސް، މިހާރު މިވަނީ ފިލްމު ބެލުމަށް އެއްބަސްވެފައެވެ. އެ ގްރޫޕުން ބުނީ ދުވަހަކު ވެސް ފިލްމު ނުބަލާނެ ކަމަށް ބުނެފައި ނުވާނެ ކަމަށާއި، ފިލްމުގެ ޚާއްސަ ސްކްރީނިން އަކަށް އެ ގްރޫޕަށް ދައުވަތު ދޭނެކަމަށް ބަންސާލީ ކުރިން ވައުދުވެފައިވާ ކަމަށެވެ.

އަދި މިހާރު ބަންސާލީ އޭނާގެ ވައުދު ފުއްދުމުން، އެ ގްރޫޕުން ވެސް ފިލްމުގެ ސްކްރީނިންއަށް ހާޒިރުވާނެ ކަމަށެވެ.

ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެ އެ ގްރޫޕުން ފިލްމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުމުގެ ސަބަބުން ފިލްމު ރިލީޒް ކުރުން ވެސް ވަނީ ފަސްކުރަން ޖެހިފައެވެ. މިދިޔަ ޑިސެމްބަރަށް ތާވަލު ކުރި 'ޕަދްމާވަތު' ރިލީޒް ކުރާނީ މާދަމާއެވެ.

ކުރިން 'ޕަދްމާވަތީ'ގެ ނަމުގައި ފިލްމު ރިލީޒް ކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ފިލްމު ރިލީޒް ކުރުން ބައެއް ސްޓޭޓް ތަކުން މަނާކުރުމުން، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެއްވެސް ސްޓޭޓެއްގައި ފިލްމު ދެއްކުން މަނާ ނުކުރެވޭނެ ކަމަށް ނިންމައިފައެވެ.

ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.