މާލޭގެ ސުޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖެއް ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަސަން ފާއިޒްގެ ބަންދަށް އިތުރު 10 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަސަންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ހަސަން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އޭނާގެ އުފަން ރަށް ގދ. ތިނަދޫގައި ހުއްޓައެވެ. ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ބައެއް މީޑިއާތަކަށް ބުނީ އޭނާ ރޭޕްކޮށްފައިވަނީ ސްޓޫޑީއަކަށް ޕްރޮޖެކްޓަކާ ގުޅޭ މަޝްވަރާތަކެއް ކުރުމަށް ގެންގޮސްފައި ކަމަށެވެ.

މިމަހު ވަނީ އިތުރު ދެ ރޭޕްކޭހެއް ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަސް މީހުންގެ ގްރޫޕަކުން ދުވާފަރުގައި އަންހެނަކު ރޭޕްކުރި މައްސަލަ އާއި ލ. ކަލައިދޫގައި ކުޑަކުއްޖަކު ރޭޕް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލައެކެވެ. އެ ދެ މައްސަލަގައި ވެސް ތުހުމަތުކުރެވޭ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.