24 Jan 2018, 13:46
ގާހިރާ(ޖެނުއަރީ 24): މިސްރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވުނު އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ސަމީ އަނާން ހައްޔަރުކޮށްފި އެވެ.
އަނާން ހައްޔަރު ކުރީ އެގައުމުގައި އަންނަ މާޗު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ސޯޝަލް މީޑިއާ މެދުވެރިކޮށް މިމަހު ހާމަ ކުރެއްވި ފަހުންނެވެ.
މިސްރުގެ އަސްކަރިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އަނާން ވަނީ އަސްކަރިއްޔާގެ ގަވާއިދުތަކާ ހިލާފުވެ، މިސްރުގެ ރައްޔިތުންނާއި އަސްކަރިއްޔާއާ ދެމެދު ދެކޮޅުވެރިކަން އުފައްދަން މަސައްކަތް ކުރައްވާފައި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަނާން މިހާރު ވަނީ އަސްކަރިއްޔާގެ ޕްރޮސިކިއުޓާސް އޮފީހަށް ހާޒިރުކޮށްފައެވެ.
ނަމަވެސް އަނާންގެ ތަރުޖަމާނު ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
މިސްރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ވެސް ވަނީ މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. (ބީބީސީ)