16 Aug 2011, 17:11
ހުއްދަ ނެތި ކޭބަލް ޓެލެވިޒަންގެ ހިދުމަތް ދިނުމާއި ކޭބަލް ޓީވީ މެދުވެރިކޮށް ބްރޯޑްކާސްޓްކުރުން އަތޮޅު ތެރޭގައި އާއްމުވެފައިވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ ލައިސަންސް ނެތި ކޭބަލް ޓެލެވިޒަންގެ ހިދުމަތް ދިނުމާއި ކޭބަލް ޓެލެވިޒަންގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ކޮންޓެންޓް ފޮނުވުމަކީ މަނާ ކަމެއް ކަން އާއްމުކޮށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެކަންތައްތައް އާއްމުވަމުންދާ ކަމުގެ މައުލޫމާތު އެކޮމިޝަނަށް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
" ކޮމިޝަނުން ކުރިންވެސް ވަނީ ހުއްދަނެތި ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި ބްރޯޑްކާސްޓްކުރުން މަނާކޮށްފައި، އަތޮޅު ތެރޭގައި މިދެކަންތައްވެސް ވަނީ އާއްމުވެފައި،" ޝަހީބު ވިދާޅުވި އެވެ.
ކޭބަލް ޓީވީގެ ހިދުމަތަކީ އެކަމަށް ކަނޑައެޅިފައިވާ ވަކި ގަވާއިދެއްގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކަމަށް ހާއްސަކޮށް ދޫކުރާ ލައިސަންސް ލިބިގެން މެނުވީ އާއްމު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ހިދުމަތެއް ނޫނެވެ. ހުއްދަ ނުހޯދައި އަމިއްލަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ކޭބަލް ޓެލެވިޒަންގެ ހިދުމަތް ދިނުމުގެ ގަވާއިދާ ވެސް ހިލާފު ކަމެކެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިންވެސް ކޭބަލްޓީވީގެ ހިދުމަތް ދޭ މީޑިއާނެޓުން ގަވައިދާ ހިލާފަށް ބްރޯޑްކާސްޓް ކުރަމުން ގެންދާތީ އެކަންތައް ވަގުތުން ހުއްޓާލުމަށް އަންގާފައިވެ އެވެ.
ޝަހީބު މިއަދު ވިދާޅުވި ގޮތުގައި، މީޑިއާ ނެޓްގެ މައްސަލަ އަދިވެސް މުޅިން ހައްލެއް ނުވެ އެވެ. އަދި އެކަން ހައްލުކުރަން އެފަރާތާއެކު ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރަށްރަށުގައި އަންނަނީ މިސްކިތުގައި ނަމާދު ކުރާ މަންޒަރާއި ދީނީ ދަރުސްތައް ޗެނަލްތައް މެދުވެރިކޮށް ފޮނުވަމުންނެވެ. އަދި ފުޓްބޯޅަ މެޗުތައް ވެސް އެގޮތަށް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ސަން އަށް ލިބިފައިވެ އެވެ.