24 Jan 2018, 11:46
ސުޕްރީމް ކޯޓު ދޮށަށް ގާނޫނާ ހިލާފަށް އެއްވި ކަމަށް ބުނެ ސަސްޕެންޑު ކުރި ވަކީލުންގެ ތެރެއިން އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޖުމްލަ 54 ވަކީލުން އެމައްސަލައިގައި ސަސްޕެންޑު ކުރި އިރު ގިނަ ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ.
މިއަދު އުވާލާފައި ވަނީ ގއ. ވިލިނގިލި އެވާލާސް، ޝަޝްމާ އަބްދުއްރައްޒާގާއި، އއ. ރަސްދޫ އުތުރުގެ ޝަހުރާ މޫސާގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު އަލީ ޒާހިރުގެ ސަސްޕެންޝަނެވެ.
މިހާރު ސަސްޕެންޝަން އުވާނުލާ ވަކީލުންގެ ތެރޭގައި ގާނޫނީ ވަކީލު ހުސްނުއްސުއޫދު އަދި ގާނޫނީ ވަކީލު މަހުފޫޒު ސައީދު ހިމެނެއެވެ.
އެނގިފައިވާ ގޮތުން ހުއްދަ އަލުން ދެނީ މާފަށް އެދި ސިޓީ ފޮނުވާ ވަކީލުންނަށެވެ.
ވަކީލުން ސަސްޕެންޑު ކޮށްފައިވަނީ ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ފަހު "ތައައްސަބުން އެއްކިބާވެ، އިންސާފު ގާއިމުކޮށްދެއްވާ" މި ލިޔުން ޖަހާފައިވާ ބެނާއެއް ހިފައިގެން ސުޕްރީމް ކޯޓު ބޭރުގައި އެތުރުނު ހާދިސާއަކަށް ފަހުއެވެ.