އޯލެވެލްގައި ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދި މުހައްމަދު ރައިޝަންއާ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ބައްދަލުކޮށް، އޭނާއަށް ހިތްވަރު ދެއްވައިފިއެވެ.

ކަލާފާނު ސްކޫލުގައި މިދިޔަ އަހަރު ތައުލީމު ހާސިލުކުރި ރައިޝަން ވަނީ ފަސް މާއްދާއިން އޭ، އަދި އިނގިރޭސި މާއްދާއިން އޭ ސްޓާއެއް ހޯދައިފިއެވެ.

މުލިއާގޭގައި ކުރިއަށް ދިޔަ އެ ބައްދަލުކުރުމަގައި މެޑަމް ވަނީ ރައިޝަން ހޯދި ކާމިޔާބީ ފާހަގަކޮށް އޭނާ އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކާމިޔާބީ ހޯދަން ރައިޝަން ކުރި މަސައްކަތްވެސް އޮޅުން ފިލުއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި މެޑަމް ވަނީ ރައިޝަން އަށް ހާއްސަ ހަދީޔާއެއް ދެއްވާފައެވެ.އެ ހަދިޔާއާ ގުޅޭ ގޮތުން ރައިޝަން ބުނީ "ކިޔެވުމުގައި އިތުރަށް ކުރިއަށް ދިޔުމަށް އެ ހަދިޔާ ވަރަށް ބޭނުންތެރި ވާނެ" ކަމަށެވެ.

އިއްޔެ އޮތް ބައްދަލުވުމުގައި ރައިޝަންގެ މަންމަ ވެސް ވަނީ ބައިވެރިވެފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހެން ކުދިންނެކޭ އެއްވެސް ތަފާތު ކުރުމެއްނެތި ތައުލީމް ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ރައިޝަން ހޯދި ކާމިޔާބީ އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ސީދާ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވަނީ ރައިޝަންއާ ބައްދަލުކޮށް މަރުހަބާ ވިދާޅުވެފައެވެ.