24 Jan 2018, 13:22
ކޮކާކޯލާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާއާއެކު ފީފާ ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ މިއަދު ރާއްޖެ އަންނާނެއެވެ. ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާގައި ޓްރޮފީ އުފުލުމަށް ހާއްސަ ލެޖެންޑުންގެ ޓީމެއް ފީފާއިން ހަމަޖެހިފައިވާއިރު، މި ޓީމުގައި ހިމެނޭނީ ވޯލްޑް ކަޕުގެ ތަށި އުފުލާލާފައިވާ ކުޅުންތެރިންނެވެ. ގައުމީ ޓީމާއެކު ވޯލްޑް ކަޕު ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނެވެ.
ޓްރޮފީ ޓުއާގައި ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ މިއަދު ރާއްޖެ ގެންނައިރު، ޓްރޮފީއާއެކު ހާއްސަ ލެޖެންޑެއްގެ ގޮތުން ރާއްޖެ އަންނާނީ ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅެ، ވޯލްޑް ކަޕު އުފުލާލާފައިވާ މިޑްފީލްޑަރު ކްރިސްޓިއަން ކްރަމްބޭއެވެ.
ކްރަމްބޭވަނީ 1992 އިން 2002 ވަނަ އަހަރާ ހަމައަށް ފްރާންސް ގައުމީ ޓީމަށް 53 މެޗު ކުޅެދީފައެވެ. 1998 ވަނަ އަހަރުން ފްރާންސް ގައުމީ ޓީމުން ވޯލްޑް ކަޕު އުފުލާ ޓީމުގައިވެސް ހިމެނޭ ކްރަމްބޭއަކީ 2000 ވަނަ އަހަރު ފްރާންސުން ޔޫރޯ އުފުލާލި ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ.
ކްލަބު ކެރިއަރުގައި ފްރާންސްގެ ނާންޓޭސްއާއި ބަސްޓިއާގެ އިތުރުން ގްރީސްގެ އޮލިމްޕިއާކޯސްއަށްވެސް ކުޅެފައިވާ ކްރަމްބޭވަނީ އިޓަލީ ލީގުގެ ސަމްޕޮޑޯރިއާއަށްވެސް ކުޅެފިއެވެ. އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވަނީ ރެއާލް މެޑްރިޑްގައެވެ. ރެއާލް މެޑްރިޑްރިޑާއެކު ކްރަމްބޭވަނީ ދެ ފަހަރަށް ޗެމްޕިއަންސް ލީގުވެސް އުފުލާލާފައެވެ. ކްރަމްބޭވަނީ އިނގިރޭސި ލީގުގެ މިޑިލްސްބްރާއަށްވެސް ކުޅެފައެވެ.
ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާއަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން، ކޮންމެ ވޯލްޑް ކަޕެއްގެ ކުރިންވެސް ކޮކާ ކޯލާއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަހަރުގެ ޓުއާގައިވެސް 50 ގައުމަކަށް ފީފާގެ ތަށި ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.