24 Jan 2018, 08:54
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއާއެކު ބްރެޒިލްގެ މަޝްހޫރު ކްލަބު ސަންތޯސްގެ ޔޫތު ޓީމަށް ކުޅުނު މިޑްފީލްޑަރެއް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށް ގެނެސްފިއެވެ.
މިހާރު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ކުޅެމުންދާ ބްރެޒިލް ތަރި ނޭމާއާއެކު ސަންތޯސްއިން އުފެދުނު ބްރެޒިލް މިޑްފީލްޑަރު ޕައުލޯ ހެލްބާ، ރާއްޖޭގެ ޔޫވީއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޝަފީއު (އިއްސެ) ވަނީ 'ސަން ސްޕޯޓްސް'އަށް ކަށަވަރުކޮށްދީފައެވެ.
ސަންތޯސްގެ ޔޫތު ޓީމުތަކަށް ކުޅުނު ހެލްބާ އެންމެ ފަހުން ފެނިގެންދިޔައީ އިންޑޮނޭޝިއާ ޗެމްޕިއަން ބަޔަންގްކަރަ ސުރަބަޔާ އިންނެވެ. ބްރެޒިލަށް އުފަން ކުޅުންތެރިއެއް ނަމަވެސް، އިންޓަނޭޝަނަލް ލެވެލްގައި ހެލްބާ ކުޅެފައިވަނީ ޓިމޯ ލެސްޓޭ ގައުމީ ޓީމަށެވެ. އޭނާ ވަނީ ޓިމޯ ލެސްޓޭ ގައުމީ ޓީމާއެކު 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅެފައެވެ.

ޔޫވީއާ ގުޅުނު ބްރެޒިލް މިޑްފީލްޑަރު ޕައުލޯ ހެލްބާ(ވ)، ސަންތޯސްގެ ޔޫތު ޓީމުގައި ނޭމާ(މ)އާއެކު ---
ހެލްބާއާއެކު މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އިތުރު ބިދޭސީ ތިން ކުޅުންތެރިޔަކު ޔޫވީން ފެނިގެންދާނެއެވެ. އެއީ ކުރިންވެސް އެ ޓީމުން ފެނުނު ބްރެޒިލް ފޯވަޑް ރަފީނިއާއާއި، ކުރިން ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޒުވާން ގައުމީ ޓީމަށް ކުޅުނު ފޯވަޑް ކޯޑެލް ސަމިއުލް އަދި ކިރްގިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު އާތޯ މުލަޔޯނޯފްއެވެ.
އޭގެ ތެރެއިން ގައުމީ ފުޓްބޯޅަ ދަނޑުން ރަފީނިއާ ފުރަތަމަ ފެނިގެންދިޔައީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ރަފީނިއާ ސޮއިކުރި ނަމަވެސް، އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް އުވާލުމުން ދެން އޭނާ ސޮއިކުރީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ފެނިގެންދިޔައީ ޔޫވީ އިންނެވެ.
ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޒުވާން ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވަޑް ސެމިއުލް ވަނީ 2012 ވަނަ އަހަރު ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް)އަށް ރާއްޖޭގެެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާއެކު ކުޅެފައެވެ. އެ ކްލަބާއެކު ރަނގަޅު ކުޅުމެއް ދެއްކި ސެމިއުލް އެންމެ ފަހުން ކުޅެފައިވަނީ ޓްރިނިޑާޑްގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މޯވަންޓް ކަލެޑޯނިއާ ޔުނައިޓެޑަށެވެ.

ޔޫވީއާ ގުޅުނު ބްރެޒިލް މިޑްފީލްޑަރު ޕައުލޯ ހެލްބާ ---
ކިރްގިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު މުލަޔޯނޯފް، އޭނާގެ އަމިއްލަ ގައުމުގެ ކްލަބުތަކުން ގިނައިން ފެނިގެންދިޔަ ނަމަވެސް، އެކިއެކި މުބާރާތްތަކުގައި ރާއްޖޭގެ ބައެއް ޓީމުތަކާ ދެކޮޅަށް ވަނީ ކުޅެފައެވެ.
އަންނަ ސީޒަނަށް ތައްޔާރުވަމުންދާ ޔޫވީން ދަނީ ޓީމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. ޔޫވީއަށް މިހާތަނަށް ގެނައި އެންމެ މުހިންމު އެއް ލޯކަލް ކުޅުންތެރިޔަކީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ އަހްމަދު ސުހައިލް (ބަންބުޗް) އެވެ. އޭގެ އިތުރުން މާލޭ ލީގުގައި ޔޫވީއަށް ކުޅުނު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ޓީމާ އަލުން ގުޅިފައިވާ އިރު، ތިންވަނަ ޑިވިޝަންގައި ސީލައިފް ސްޕޯޓްސް ކުލަބާއެކު މޮޅު ކުޅުމެއް ދެއްކި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވެސް ވަނީ ޔޫވީއާ ގުޅިފައެވެ. އަދި މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ވެސް ވަނީ އަލުން އެނބުރި ޔޫވީއާ ގުޅިފައެވެ.
އަންނަ ސީޒަންގައި ވެސް ޔޫވީއަށް އިރުޝާދު ދޭނީ، މިދިޔަ އަހަރު މާލޭ ލީގުގެ ފަހުކޮޅުގައި އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނަޒީހެވެ. ނަޒީހުއަކީ 2015 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޔޫވީއަށް ހޯދައިދީ، އެ ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިން ކޯޗެވެ.