ޕޯޓޯގެ ތަރި ފަލްކާއޯ ހޯދުމަށް އެތްލެޓިކޯ މެޑްރިޑުން ޝައުގުވެރިވާކަން ފާޅުކޮށް، ފަލްކާއޯ އެތްލެޓިކޯ މެޑްރިޑާއި ގުޅިއްޖެ ނަމަ އުރުގުއޭ ތަރި ޑިއޭގޯ ފޯލާން ދޫކޮށްލުމަށް ވިސްނާނެ ކަމަށް އެކްލަބުން ބުނެފި އެވެ.

ސާޖިއޯ އަގުއެރޯ އާއި ކީޕަރު ޑިޖިއާ އެތްލެޓިކޯ މެޑްރިޑް ދޫކޮށް ދިއުމުން އެކްލަބަށް ވަނީ އަލުން ޓީމް ބިނާކޮށް ވަރުގަދަކުރަން ޖެހިފަ އެވެ. އެގޮތުން ފަލްކާއޯގެ ބޭނުން އެތްލެޓިކޯ މެޑްރިޑަށް ޖެހިފައިވާއިރު އެކްލަބަށް މަރުހަބާ ކިޔާ ކަމަށް އޭނާ ވެސް ބުނެފައިވެ އެވެ.

އެތްލެޓިކޯ މެޑްރިޑުން ފަލްކާއޯ ބޭނުންވާކަން ހާމަކޮށް ބަޔާނެއް ނެރުމުން ޕޯޓޯ ވަނީ ހައިރާންކަމެއްގެ ތެރޭގައިކަމަށް ޕޯޗުގަލްގެ ނޫސްތަކުން ހާމަކުރު އެވެ. ފަލްކާއޯ އެތްލެޓިކޯ މެޑްރިޑަށް ކުޅެން ބޭނުންވާކަމީ އުފާކުރާކަމެއްކަމަށް އެކްލަބުގެ ރައީސް އެންރީކޭ ސެރެޒޯ ބުނެފައިވެ އެވެ.

އެތްލެޓިކޯ މެޑްރިޑްގެ އުރުގުއޭ ތަރި ޑިއޭގޯ ފޯލާން ހޯދުމަށް ބޮޑެތި ކްލަބްތަކަކުން އެކިފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ. އިންޓަމިލާން ދޫކޮށް ދިއުމަށް ކެމަރޫން ތަރި ސަމުއެލް އެޓޫ ވިސްނަމުންދާތީ އެކްލަބުން ވެސް ވަނީ ފޯލާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑުން ފޯލާން ދޫކޮށްލުމަށް ވިސްނާނީ ފަލްކާއޯ ލިބުމުން ކަމަށް އެކްލަބުގެ ޖެނެރަލް މެނޭޖަރު މިގުއެލް އަންޖެލް ގިލް މެރިން ބުނެފައިވެ އެވެ.
"އަގުއެރޯވެސް އަހަރެމެންނަށް ގެއްލިފައިވުމުން ފޯލާން ވިއްކާލުމަށް މިވަގުތަކު ނުވިސްނަން. ޕޯޓޯއިން ފަލްކާއޯ ގެނައުމަށް އަހަރެމެން އެބަވިސްނަން. ފަލްކާއޯ އަހަރެމެންނަށް ލިބިއްޖެނަމަ، ފޯލާން ވިއްކާލުމަށް ވިސްނާން." އެތްލެޓިކޯ މެޑްރިޑްގެ ޖެނެރަލް މެނޭޖަރު މިގުއެލް އަންޖެލް ގިލް މެރިން ބުންޏެވެ.