24 Jan 2018, 08:50
ސްނެޕްޗެޓަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ އެޕްލިކޭޝަނުން ފީޗާއެއް ތައާރަފްކުރާއިރަށް ފޭސްބުކުން އެ ފީޗާ ކޮޕީ ކުރުމެވެ. ފޭސްބުކާ ދެކޮޅަށް ސްނެޕްޗެޓުން ކުރާ "ހަނގުރާމަ"އިގައި އެ އެޕްލިކޭޝަނުން ވަނީ ބޮޑު ފިޔަވަޅެއް އަޅައިފައެވެ.
އެގޮތުން ސްނެޕްޗެޓް އެޕްލިކޭޝަން ބޭނުން ނުކުރާ މީހުންނަށްވެސް ސްނެޕްޗެޓަށް ޕޯސްޓުކުރާ ފޮޓޯ އަދި ވީޑިއޯ ބަލާލެވޭނެ ގޮތް ހަދަން ވަނީ ނިންމައިފައެވެ.
ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ މި ފީޗާ ތައާރަފްކުރަން ނިންމާފައިވާއިރު ފޮޓޯ އަދި ވީޑިއޯ ޕޯސްޓުކުރާއިރު އިތުރު އޮޕްޝަނެއް ލިބޭނެއެވެ. އެއާއެކު ޓެކްސްޓް މެސެޖެއް ނޫނީ އީމެއިލްއެއްގެ ޒަރިއްޔާ އިން ސްނެޕްޗެޓް އެޕްލިކޭޝަންގެ ބޭރުން ފޮޓޯ އަދި ވީޑިއޯ ބަލަން ލިންކް ޝެއާ ކުރެވޭނެއެވެ.
މި ފޮޓޯތައް އަދި ވީޑިއޯތައް ބަލައިލެވޭނެ ޑެސްކްޓޮޕް ވެބް ވިއުއާއެއް ތައާރަފްކުރާނެ ކަމަށާއި އެ ވެބް ވިއުއާ ސްނެޕްޗެޓް.ކޮމް އިން ލިބޭނެ ކަމަށް ވެސް ސްނެޕުން ބުނެއެވެ.
މި ފީޗާ މިހާރު ކެނެޑާ އަދި އޮސްޓްރޭލިއާއަށް ލިބެއެވެ.
ނަމަވެސް މިގޮތަށް ފެންނާނީ "އަވަ ސްޓޯރީ"، "ސާޗް ސްޓޯރީ" އަދި "އޮފިޝަލް ސްޓޯރީ"އަށް ޕޯސްޓުކުރާ ފޮޓޯ އަދި ވީޑިއޯ އެވެ.