23 Jan 2018, 23:25
ހާވިއާ މަޝެރާނޯ، ބާސެލޯނާ ދޫކޮށްލާނެކަން އެކްލަބުން އިއުލާންކޮށްފިއެވެ.
ހަބަރުތައް ބުނާގޮތުގައި، ބާސާ ދޫކޮށް މަޝެރާނޯ ގުޅޭނީ ޗައިނާގެ ހެބޭ ޗައިނާ ފޯޗުންއާއެވެ. މިއަހަރުގެ ޗައިނީޒް ސުޕާ ލީގުގައި ވާދަކުރާ އިރު، މަޝެރާނޯއަކީ އެޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވެގެންދާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
އުމުރުން 33 އަހަރުގެ މަޝެރާނޯއަށް އަންނަ ބުދަ ދުވަހު ވަރުގަދަ ފެއާވެލް ހަރަކާތެއް ބޭއްވުމަށް ބާސާއިން ވަނީ ނިންމައިފައެވެ. އެ ހަރަކާތުގައި ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ އަދި ފަސްޓް ޓީމު ސްކޮޑު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މަޝެރާނޯ ވަނީ ހަތް ސީޒަނާއި ބައިގެ މުއްދަތަކަށް ބާސާއަށް ކުޅެފައެވެ.
މިސީޒަނުގައި ބާސާގެ ކޯޗަކަށް އާނެސްޓޯ ވަލްވާޑޭ ހަމަޖެއްސި ފަހުން މަޝެރާނޯއަށް ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ބާސާގެ ޓީމުން މިސީޒަނުގައި 12 މެޗަކުން މަޝެރާނޯ ފެނިފައިވާ އިރު، ޑިފެންސް ލައިނުގައި ވަލްވާޑޭ ގިނައިން ބޭނުންކުރަމުންދަނީ ޖެރާޑް ޕީކޭއާއި، ތޯމަސް ވަމާލިން އަދި ސެމުއެލް އުމްޓިޓީއެވެ. މިމަހުގެ ތެރޭގައި ޕަލްމޭރާސްއިން ޑިފެންޑަރު ޔެރީ މިނާ ބާސާއާ ގުޅުމުން މަޝެރާނޯއަށް ފުރުސަތުތައް ހަނިވެގެންދާނެއެވެ.
ލިވަޕޫލުން 2010 ވަނަ އަހަރު ބާސާއާ ގުޅުނު މަޝެރާނޯ ވަނީ އެ ކްލަބަށް 334 މެޗު ކުޅެ، 18 ތަށި އުފުލާލައިފައެވެ. ބާސާއާއެކު މަޝެރާނޯ ހޯދި ކާމިޔާބީތަކުގެ ތެރޭގައި ހަތަރު ފަހަރު ސްޕެނިޝް ލަލީގާއާއި ދެ ފަހަރެއްގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.