ވިލާ ޝިޕިންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މުދާ ގާނޫޫނާ ހިލާފަށް ގެންދިއުމުގައި ފުލުހުން ބައިވެރިވި ކަމަށް ބުނެ އަދި އެކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިވިކަމަށް ތުހުމަތުކޮށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެކަން ތަހުގީގު ކުރުމަށް ބާރުއަޅާ ހިއްސާ ކޮށްފައިވާ ބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެ އަމަލަކީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފުން، ގާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށާއި އެ މަސައްކަތަށް ނުފޫޒު ފޯރުވާ ބިރުދެއްކުން ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

ވިލާގެ ވަކީލުންގެ ބަޔާނުގައި ހަތް ފުލުހެއްގެ ނަން ވަނީ އާންމުކޮށްފައެވެ.

އެ ފުލުހުންނަކީ ކަސްޓަމްސް އަށް ދޫކޮށްފައިވާ ކޯޓު އަމުރަކާއެކު ކަސްޓަމްސްގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވިލާ އިން ހިންގާ ފަން އައިލެންޑަށް ދިޔަ ފުލުހުންނެވެ.