މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމު "ލީނާ" ގެ ވިލަން އަކީ ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒު ކަމަށް ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މުއާ ބުނެފިއެވެ.

ފިލްމުގެ ކާސްޓުން އިއުލާނު ކުރި ފަހުންވެސް އެންމެ ބޮޑު ސުވާލެއް އުފެދުނީ ވިލަން ނޫނީ "ޒުހައިރު" ގެ ރޯލު އަދާކުރާނީ ކާކުތޯއެވެ. ހާއްސަކޮށް ސައީދު އާއި ނިމާލު ކާސްޓުގައި ހިމެނޭތީ އެ ސުވާލުގެ ޖަވާބުު އޮތީ ޖަވާބު ދޭން އުނދަގޫ ހާލަތެއްގައެވެ. ނިމާލް އާއި ސައީދު އަކީ މީގެ ކުރިންދިވެހި ސިނަމާ އިން ފެނިގެން ގޮސްފައިވާ ފިލްމުތަކުގައި "ވިލަން" ގެ ރޯލުން ފެނުނު ތަރިންނެވެ. މި ދެތަރިންނަށް އެފަދަ ރޯލެއް އަދާކުރެވިދާނެ ކަމާމެދު ޝައްކެއް ނެތެވެ.

އަނެއްކޮޅުން މީގެ ކުރިން ސަން އަށް ދިން އިންޓަވިއު އެއްގައި މުއާ ވަނީ ފިލްމުން މުއާގެ ރޯލެއް ފެނިދާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. ނަމަވެސް އެއީ ސަޕްރައިޒެއް ކަމަށްވެސް މުއާ ވަނީ އޭރު ބުނެފައެވެ. ނަމަވެސް ފިލްމުގެ އެންމެެ މުހިއްމު އެއް ރޯލު އޭނާ ކުޅެފާނެ ކަމުގެ އިޝާރާތެއް އޭރު ނުދެއެވެ.

އަޒްލީނާގެ މަރައިލި ކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ޒުހައިރު ގެ ރޯލަށް ލީނާ ފިލްމުގައި ދީފައިވާ ނަމަކީ ޒުހޫރު އެވެ. ފިލްމުގައި ލީޑް އަންހެން ތަރިއަކީ މިހާރު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒައެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި އައްޒަ އާއި މުއާ ގެ އިތުރުން ދެން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އާއި މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު، ނުުޒުހަތު ޝުއައިބު އަދި ޒީނަތު އައްބާސް އެވެ.

ދޮން އައްޔަ ފިލްމުގައި ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމް އަކީ ލީނާގެ މަންމަ އެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެއެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާސް އެވެ. ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރު އެވެ.

ފިލްމުގެ ޝޫޓިން އަށް މިއަދު ފުރާފައިވާއިރު، އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ މި ފިލްމުގެ ހުރިހާ މަންޒަރެއްވެސް ނަގާނީ އއ އުކުޅަހުގައެވެ.

މި ފިލްމާމެދު މުއާ ކުރާ އުއްމީދުތައް ބޮޑެވެ. ހާއްސަކޮށް ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަން އަށް ވާތީއެވެ.

"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ." ލީނާގެ އެއް ޕްރޮޑިއުސަރު މުއާ މީގެ ކުރިން ދިން އިއްޓަވިއު އެއްގައި ބުންޏެވެ.