23 Jan 2018, 20:26
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން އެއްވުން މަނާ ސަރަހައްދަކަށް މިމަހުގެ 19 ވީ ހުކުރު ދުވަހު، އެއްވި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގާނޫނީ ވަކީލަކާ އެކު ފުލުސް އޮފީހަށް ހާޒިރުވުމަށް ފުރުސަތުދީފިއެވެ.
އެ މައްސަލައާ ގުޅިގެން ޝިފާޒު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންމެ ފުރަތަމަ ޗިޓް ފޮނުވީ އިއްޔެ އެވެ. އެއީ މިއަދު ހަވީރު 17:00 ގައި ފުލުހަށް ހާޒިރުވުމަށެވެ.
ސަން އާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އިއްޔެ ފޮނުވި ޗިޓް ލިބުނީ ވަރަށް ލަހުން ކަމަށާއި އެހެންވެ ވަކީލަކު ހަމަޖައްސަން ވަގުތު ނުލިބޭ ކަމަށެވެ. އަދި ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގި ވަގުތަށް ހާޒިރުވި ކަމަށާއި، ވަކީލަކާއެކު ކުރިއަށް ދިއުމަށް އެދުމުން 40 ވަރަކަށް މިނެޓް ބޭންދުމަށްފަހު އަލުން ޗިޓެއް ދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ހުކުރު ދުވަހު މުޒާހަރާ އިއުލާނުކޮށްގެން މުޒާހަރާ ނުކުރާ ކަމަށެވެ. އަދި އެތަނަށް އެއްވީ އެ މައްސަލައާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓު ފޮނުވި ހަތަރު މީހުން ނޫންކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒުގެ އިތުރުން އެ މައްސަލައާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒުގެ އިތުރުން ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަށެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލައާ ގުޅިގެން ޝިފާޒު ވިދާޅުވީ "ފުލުސް އޮފީހަށް ހާޒިރުކުރަނީ އެއްވެސް މައްސަލައެއް އޮވެގެން ނޫން" ކަމަށެވެ.
"މިއީ ކެމްޕެއިން ކުރުމަށް ޖާގަ ނުދިނުމަށް ކުރާ ކަމެއް،" ޝިފާޒު ވިދާޅުވިއެވެ.
"ދަންނަވާލަން ބޭނުންވަނީ އަޅުގަނޑަކީ ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާނެ މީހެއް ނޫނޭ. ތަހުގީގަށް ފިލާނެ މީހެއްވެސް ނޫނޭ."
މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޮޑުތަކުރުފާނުމަގު އެމްޑީޕީ ހަރުގެ ކައިރީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ "ޓޫރިޒަމް ހަލާކުކޮށް މުދާ ފޭރުން" މި ނަމުގައި އެއްވުމެއް ބާއްވާފައެވެ.
އެ އެއްވުން ބާއްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން އެރުމުން އެކަމާ ދެކޮޅު ހެދުމުގެގޮތުންނެވެ.