ސްރީލަންކާއާ ސިންގަޕޫރާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ލަންކާއާ ސިންގަޕޫރާ ދެމެދު އެފްޓީއޭއެއް ގާއިމުކުރީ، އެގައުމުގައި ވިޔަފާރީގެ ގައުމީ ސިޔާސަތެއް ތަންފީޒުނުކޮށް އެކަން ނުކުރުމަށް އެގައުމުގެ ގިނަ އަދަދެއްގެ ޓްރޭޑް ޔޫނިއަންތަކަކުން ގޮވާލާފައި ވަނިކޮށެވެ.

ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާގެ ބައިނަލްަގުވާމީ ވިޔަފާރިއާ ބެހޭ ވަޒީރު މާލިކު ސަމަރަވިކްރަމައާއި ސިންގަޕޫރުގެ ޓްރޭޑް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު އެސް އިސްވަރަންއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއާ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްގެ ހާޒިރުގައެވެ.

މި އެއްބަސްވުމުގެ ދަށުން، ސްރީލަންކާއާ ސިންގަޕޫރުގެ ކުންފުނިތަކަށް، ދެގައުމުގެ އެކިއެކި މާކެޓުތަކާއި ސިނާއަތްތަކަށް ބޮޑަށް ވަދެ، ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން ބައެއް މުދަލާއި ޚިދުމަތުގެ ވިޔަފާރި ޑިއުޓީ ފްރީކޮށް ދެގައުމަށް ވެސް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.