މިދިޔަ އަހަރު ރާއްޖޭގެ ކުށު ރެކޯޑު އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ހަ ޕަސެންޓަށް ދަށް ވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ކުށް ރިޕޯޓު ކުރާ އަދަދު ހަ ޕަސެންޓު ދަށްވެފައިވާ ކަމަށާއި އެކަން ހާސިލު ވީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ބެހިފައި ހުންނަ ގޮތަށް ބަލާނަމަ، އޮޕަރޭޝަންސްތަކާއި ތަހުގީގާއި އަދިވެސް އެކަމަށް ބާރު އަޅާ އެހެން ޑިޕާޓްމަންޓުތަކުން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ހާއްސަކޮށް ކުށް މަދުކުރުމަށް ދޭންޖެހޭ ހޭލުންތެރިކަން ވަރަށް ރަނގަޅަށް އާންމު ރައްޔިތުންނަށް ދެވިގެން ދިޔަ،" ޝިފާން ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން-- ސަންފޮޓޯ/ ފަޔާޒު މޫސާ

ޝިފާން ވިދާޅުވީ ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމެންޓްގެ މަސައްކަތުން އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތް ކޮށް، 5،000 އަށް ވުރެ ގިނަ މީހުންނަށް ކުށުގެ ވެށިން އެއްކިވާބެ ތިބުމަށް ހޭލުންތެރި ކުރުވާފައި ވާނެ ކަމަށެވެ.

ފުލުހުން ހިންގާ އޮޕަރޭޝަންސް ތަކުގައި ކުށް ކުރާ މީހުންނަށް އެ ފުރުސަތު ހަނިކުރުމަށްޓަކައި ކުރާ މަސައްކަތްތައް ޝިފާން ފާހަގަކުރެއްވިއެވެ. ޝިފާން ވިދާޅުވީ ރާއްޖޭގެ 127 ރަށެއްގައި ފުލުހުން އެކި ސިފަ ސިފައިގައި މަސައްކަތް ކުރަމުންދާ ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކުވެސް ހަމަޖެހިލައިގެން ދިރިއުޅެމުން އެދަނީ ފުލުހުން ކުރާ މަސައްކަތުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ ފަހުގެ ތާރީހެއްގައި ކުށުގެ ރެކޯޑު އެންމެ މަތިވެފައި ވަނީ 2012 އަދި 2013 ވަނަ އަހަރުގައި ކަމަށާއި ދެން އެފަދަ ދުވަހެއް އައުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.