ޗައިނާއަށް ރާއްޖޭގެ 16 ނުވަތަ 17 ރަށެއް ވިއްކާލާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދޮގުކުރައްވައިފިއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި އިއްޔެ ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން 16 ނުވަތަ 17 ރަށެއް ވިއްކާލާފައިވާ ކަމަށާއި، ނަމަވެސް އެ ރަށްތައް ވިއްކާލި މަގުސަދު އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ޗައިނާގެ މަސްލަހަތު އޮންނަ ގޮތަށް ދޫކުރި 16 ނުވަތަ 17 ރަށުގެ ވާހަކަ މި ދައްކަނީ. ރަށެއް ހެދިދާނެ ރިސޯޓަކަށް. ރަށެއް ހެދިދާނެ އެހެނިހެން ބައިވަރު އެއްޗެއްސަށް ވެސް،" މި ރަށްރަށަކީ ޓޫރިޒަމްގެ ބޭނުމަށް ރާއްޖެއިން ދޫކުރި ރަށްތަކެއްތޯ ލަންކާގެ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަސްމީ ދަތުރުފުޅަކަށްފަހު މިއަދު ރާއްޖެ ވަޑައިގެން، ރައީސް ނަޝީދަށް ރައްދު ދެއްވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރައީސް ނަޝީދަށް "ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަވާ" ކަމަށެވެ.

"ޓޫރިޒަމްގެ އިންވެސްޓްމެންޓެއްތޯ [ނޫސްވެރިއަކު ސުވާލު ކުރި] އެ 16 ނުވަތަ 17 ރަށަކީ. [ނަޝީދަށް] ޖަވާބެއް ދެއްވާކަށް ނޭނގުނު. ވިދާޅުވީ ވެދާނެއޭ ޓޫރިޒަމް އިންވެސްޓަކަށްވެސް،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ނޫނީ އެހެން ބޭނުމަކަށް ރާއްޖޭގެ އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް ދޫކުރާނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

"ރާއްޖޭގެ ގާނޫނާއި ގަވައިދުތައް އެނގޭ މީހަކަށް އެނގޭނެ ޓޫރިޒަމަށް ނޫނީ، އެހެން ކަންކަމަށް ރަށްތައް ދޫކުރާނީ ފިޝަރީޒް މިނިސްޓްރީން ކަން. އެންމެ ރަށެއްވެސް ޗައިނާގެ ފުލް ކޮންޓްރޯލް ނުވަތަ އިންވެސްޓްމެންޓަކަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައެއް ނޯންނާނެ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ، ކަން މިހެން އޮތުމުން، ނަޝީދު ވިދާޅުވި 16 ނުވަތަ 17 ރަށުގެ ވާހަކަތައް އެމަނިކުފާނު ކިޔައިދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އަދި ނަޝީދު މިފަދައިން ވާހަކަ ދައްކަވަނީ ޗައިނާއާ ބެހޭގޮތުން ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެއްދެވުމަށްޓަކައި ކަމަށްވެސް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.