16 Aug 2011, 16:11
ބިދޭސީން ގެނައުމަށް ހިއުމަން ރިސޯސް އިން ދޫކުރާ ލިޔުމުގައި އެމްޕްލޯއިމެންޓް އެޕްރޫވަލް ފިޔަވައި އެހެން އެއްވެސް އެއްޗެއް ލިޔެފައިވާ ނަމަ އެ ލިޔުންތައް ގަބޫލު ނުކުރަން އިމިގްރޭޝަން ޑިޕާޓްމަންޓް އިން ނިންމާފައިވާތީ، އެއީ އެ ޑިޕާޓްމަންޓާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ހިއުމަން ރިސޯސް މިނިސްޓަރު ހަސަން ލަތީފް އިމިގްރޭޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަސަން ލަތީފް މިއަދު ވިދާޅުވީ، ބިދޭސީއަކު ރާއްޖެއަށް މަސައްކަތް ކުރަން އަންނަ އިރު އެކަމުގެ ހުއްދަ ދޭން ޖެހެނީ ހިއުމަން ރިސޯސް މިނިސްޓްރީން ކަމަށާއި އެ ހުއްދައަށް ކޮންމެ ނަމެއް ކިޔަސް އެއީ އިމިގްރޭޝަނާ ބެހޭ ކަމެއް ނޫން ކަމަށެވެ.
~
"އެޔަށް ކިޔާނީ ވޯކް ޕާމިޓްތޯ، އެމްޕްލޯއިމެންޓް ޕާމިޓްތޯ ނޫނީ އެމްޕްލޯއިމެންޓް އެޕްރޫވަލްތޯ އެކަން ނިންމާނީ އަޅުގަނޑުމެން. އެއިކީ އިމިގްރޭޝަނާ ބެހޭ ކަމެއް ނޫން. ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް މިއީ. ދެން އެ ހުއްދަ ހިފައިގެން އިމިގްރޭޝަނަށް ދިޔައިމާ އެ ހުއްދާގައި އޮތް މުއްދަތަށް ރާއްޖޭގައި ހުރުމަށް ދޭ ހުއްދައަކަށް މިކިޔާ ނަމަކީ ވޯކް ވިސާ. ދެން އިމިގްރޭޝަނުން އެތައްގަނޑު ޕާސްޕޯޓުގައި ޖަހައިދިނީމާ އެ ނިމުނީ. އެބޭފުޅުން މިކަމުގައި އިތުރަށް ބެހެން ޖެހޭ ކަމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އިމިގްރޭޝަނުން ހަމައެކަނި ބަލަހައްޓަން ޖެހޭނީ ބިދޭސީންގެ ސެކިއުރިޓީއާއި ބޯޑާ ކޮންޓްރޯލާ ގުޅޭ މަސައްކަތްތައް ކަމަށެވެ. އެނޫން މަސްއޫލިއްތުތައް އަދާކުރާނީ އެކަން ހަވާލުކޮށްފައިވާ މުއައްސަސާތަކުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ވޯކް ވިސާފީ ނުދައްކައި ބިދޭސީންނަށް އަމިއްލަ ހަރަދުގައި ވެސް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އިމިގްރޭޝަނުން ކުއްލިއަކަށް ނިންމި ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ވީ ވަރަށް "ޖޯކު" ކަމަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެމީހުން އަމިއްލަ އަށް ފުރައިގެން ދިއުން ކަމަށްވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އެތައް މައްސަލައެއް ދެ މުއައްސަސާގެ މެދުގައި ހިނގަމުންދާ ކަމަށާއި ފާއިތުވި ތިން އަހަރުވެސް އުޅެން ޖެހިފައި ވަނީ އެކަންތައް ހައްލު ނުކުރެވިގެން ކަމުގައި ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންކަމުން ކޮންމެވެސް މަތީ ފަރާތަކުން ދެ މުއައްސަސާގެ މަސްއޫލިއްޔަތުތައް ވަކިން ކަނޑައަޅައި، އެގޮތަށް އަމަލުކުރަން އަންގަން ޖެހިއްޖެ ކަމަށާއި އެނޫން ގޮތަކަށް މި މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދެން މިހާރު ވެއްޖެ އަޅުގަނޑުމެން ދެ މުއައްސަސާއަށް ވުރެ ކޮންމެވެސް މަތީ ފަރާތަކުން ދެތަނުގައި ވިދާޅުވާން ކަލޭމެން ކުރާށޭ މިވެނިކަމެއް، ކަލޭމެން ކުރާށޭ މިވެނިކަމެއް. އެގޮތަށް ދެތަނުގައި ވެއްޖެ ވިދާޅުވާން. އެހެންނޫނިއްޔާމުން މިކަމެއް ހައްލެއް ނުކުރެވޭނެ. ދެން މީގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ދިމާވަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ދެމުއައްސަސާގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލު ނުކުރެވި، ދިގުލައިގެން ދިއުމުގެ ސަބަބުން އޭގެ ނުރަނގަޅު އަސަރުތަކެއް ރައްޔިތުންނަށް ކުރަމުންދާތީ އެކަމާ ވަރަށް ހިތާމަކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރަން އިމިގްރޭޝަން ޑިޕާޓްމަންޓް ބަލަހައްޓަމުން އަންނަ ހޯމް މިނިސްޓްރީގެ ދަށަށް ހިއުމަން ރިސޯސް ބަދަލުކުރަން ނުވަތަ އެމްޕްލޯއިމެންޓް ޑިވިޝަން އިމިގްރޭޝަންގެ ދަށަށް ބަދަލުކުރަން ކެބިނެޓަށް ވަނީ ކުރިން ހުށަހަޅައިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، ކެބިނެޓުން އެގޮތަށް ފާހެއް ނުކުރެ އެވެ.
ދެ މުއައްސަސާގެ މެދުގައި މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ނުކުރެވެނީތޯ ސުވާލު ދެންނެވުމުން މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ، މަޝްވަރާ ކުރެވުނަސް، އިމިގްރޭޝަންގެ ފަރާތުން އެކަންތައް ފަހުން ފެންނަނީ "އެހެން ގޮތަކަށް" ކަމަށެވެ. އެގޮތުން އިމިގްރޭޝަނުން ކުއްލިއަކަށް ކަންކަން ނިންމުމުން ހިދުމަތް ހޯދައި ފަރާތްތަކަށާއި ލޭބާ މިނިސްޓްރީއަށް ވެސް ދަތުވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހުރިހާ މައްސަލަތަކެއް ހައްލުކުރެވޭނީ އިމިގްރޭޝަނާއި ހިއުމަން ރިސޯސް އިން އެކުލަވާލާފައިވާ ބިދޭސީންނާ ބެހޭ ދެ ގަވައިދުގައި ހުރި ފުށުއެރުންތައް ފިލުވައި، އާ ގަވައިދަށް އަމަލުކުރެވެން ފެށުމުންނެވެ. އަދި ދެ މުއައްސަސާގެ މަސްއޫލިއްޔަތުތަކަކީ ވެސް ކޮބައިކަން ސާފުކޮށް އެނގިގެންނެވެ.
"އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބެނީ ގަވައިދަށް އަމަލުކުރެވެން ފެށޭނެ ދުވަހަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ދެގަވައިދުގައި ހުރި ފުށުއެރުންތައް ހައްލު ކުރެވެންދެން ހިއުމަން ރިސޯސް އިން އެކުލަވާލާފައިވާ ބިދޭސީންގެ އާ ގަވައިދަށް އަމަލުކުރުން ވަނީ ސަރުކާރުން ފަސްކޮށްފަ އެވެ.