ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑް "ގޯލްޑް 100" އެވޯޑްސްގެ މި އަހަރުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ހުރިހާ ޕާޓްނަރުންނާއެކު ގޯލްޑް 100 ގެ ފަރާތުން ސޮއިކޮށްފައިވަނީ މޯލްޑިވްސް ގެޓްއަވޭސް ގެ ސީއޯއޯ ޑރ. ސަނީ އުމަރެވެ.

އެ ރަސްމިއްޔާތުގައި ގޯލްޑް 100ގެ ޓައިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މިއަހަރުގެ ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)، ދިރާގު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި އެމް ސެވަން ޕްރިންޓާސްއެވެ.

މިއަހަރުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ، ޕަބްލިކް ސާވިސް މީޑިއާ، ސަން އޮންލައިން، އަވަސް އޮންލައިން، މޯލްޑިވްސް އިންސައިޑާ އަދި ކޯޕަރޭޓް މޯލްޑިވްސްއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ގެޓްއަވޭސްގެ ސީއޯއޯ ޑރ. ސަނީ ވިދާޅުވީ، ގޯލްޑް 100 އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެއް ކަމަށެވެ.

މިފަހަރުގެ ގޯލްޑް 100 ހޮވާފައިވަނީ 13،000 ކުންފުންޏެއް 500 ކުންފުންޏަށް ޝޯޓްލިސްޓް ކޮށް އެ ކުންފުނިތަކުގެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހުއެވެ. ގޯލްޑް 100 ގެ ކުންފުނިތައް ހޮވަނީ، ގޯލްޑް 100 ގެ އެޑްވައިސަރީ ޕާޓްނަރު ސީޓީއެލް ސްޓްރެޓަޖީސްގެ އެހީތެރިކަމާ އެކުގައެވެ.

ގޯލްޑް 100 އެވޯޑު ހަފްލާގައި ކުރީ އަހަރެކޭ އެއްގޮތަށް ވިޔަފާރފީގެ ދާއިރާގައި ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކޮށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ދެ ބޭފުޅަކަށް ދޭނެކަމަށް ސަނީ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަހަރު އެވޯޑު ހަފްލާގައި އެޗްއާރު، ފައިނޭންސް، ސީ އެންޑް އާރު އަދި އޮޕަރޭޝަންގެ ދާއިރާއިން އަންނަ ކުރިއެރުންތައް ފާހަގަކޮށް އެ ދާއިރާތަކުންވެސް އެވޯޑުތައް ދޭނެ ކަމަށް ސަނީ ވިދާޅުވިއެވެ.

އެންމެ ކާމިޔާބު 100 ކުންފުނި، "ގޯލްޑް 100" އިއުލާނުކުރުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ ގޯލްޑް 100 ގާލާގައެވެ.