އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގުލަދޭޝްގެ ސައިފް އެސްސީ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.

ބަންގުލަދޭޝްގެ ބަންގަބަންގު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އޭއެފްސީ ކަޕުގައި ޓީސީ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ޓީސީއަށް މިސީޒަންގައި އަލަށް ގުޅުނު މިޑްފީލްޑަރު އެނަޓޯލީ ވްލާސިޗޭވްއާއި ކީޕަރު ޑިމީޓްރީ އަސްނިންވެސް ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ 10 މިނެޓުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. ސައިފް އެސްސީން، ދިގު ބޯޅަތަކެއް ކުރިއަށް ލައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް ޓީސީންވަނީ މެޗުގައި ތިރިން ޕާސްޖަހަން މަސައްކަތް ކޮށްފައެވެ.

ޓީސީން މެޗުގެ ކޮންޓްރޯލް ހޯދައި، ރީތި ޕާސްތަކަކަށްފަހު 22 ވަނަ މިނެޓުގައި ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެދުތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އިޝާން އިބްރާހީމް (ސައްޓު) ދިން ބޯޅައަށް ސައިފްގެ އޭރިއާ ތެރެއަށްވަދެ ޑިފެންޑަރު ނައްޓާލުމަށްފަހު ބޯޅަ ކުރިއަށް ފޮނުވާލީ އަލަށް ޓީމާ ގުޅުނު ބިދޭސީ މިޑްފީލްޑަރު އެނަޓޯލީ ވްލާސިޗޭވްއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ސައިފަށްވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޓީސީގެ އޭރިއާ ތެރެއިން ނުސީދާ ހިލޭ ޖެހުމެށް ލިބުނު ނަމަވެސް ސައިފްގެ ބިދޭސީ ކުޅުންތެރިޔާ ޝެރިންހަމް ފޮނުވާލި ބޯޅަ އަމާޒުވީ ޓީސީގެ ދިފާއީ ފާރަށެވެ.

މެޗުގެ ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެ ނިންމާލާފައިވާއިރު، މެޗުގެ ދެވަނަ ހާފަށް އެޓީމު ނުކުތީ ފުރަތަމަ 11 ގައި ހިމެނުނު ކީޕަރު އަސްނިންގެ ބަދަލުގައި އިބްރާހީމް ނަދީމް އާދަމާއެކުގައެވެ. ދެވަނަ ހާފްގައި ޓީސީންވަނީ ސައިފްގެ ގިނަ އެޓޭކްތަކެއް ހުއްޓުވާފައެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު މާލޭގައެވެ.