މީޑިއާތަކުގެ އެހީގައި ބްރޭންޑްތައް މާކެޓްކުރުމަށް އެހީވެދޭ ފުރަތަމަ ޑިޖިޓަލް ޕަބްލިޝިން ޕްލެޓްފޯމް "ބްރޭންޑް ބައި ޒީ" ގެ ޕާޓްނަރަކަށް ސަން މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ ސަން މީޑިއާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސަން މީޑީއާގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑީއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒެވެ. އަދި ބްރޭންޑް ބައި ޒީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޒީ ކޮމް ގެ ސީއީއޯ މުހައްމަދު ރިފާއުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ، ބްރޭންޑް ބައި ޒީއަކީ ރާއްޖޭގެ ހުރިހާ ވިޔަފާރިތައް އެހެން މީޑިއާތަކުގެ އެހީގައި މާކެޓްކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށެވެ. އަދި އެ ޕްލެޓްފޯމްގެ ވިންގް ގެ ދަށަށް ހުރިހާ މީޑިއާތަށް ގެންނާނެ ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.

"ރާއްޖޭގެ އެންމެބޮޑު ޑިޖިޓަލް ޕަބްލިޝިން އަދި ޑިޖިޓަލް މީޑީއާއާ އެކީ މި ސައިން ކުރެވުނީ. އެހެންވީމަ ރާއްޖޭގެ ކަވަރޭޖްގެ ބިޒްނަސް ރީޗްގެ އޯވާ 70 ޕަސެންޓް މިހާރުވެސް މި ގެންދެވުނީ ސަން މީޑީއާ ގުރޫޕްގެ ހުރިހާ އައުޓްލެޓްތަކާ އެއްކޮށް،" ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ، އަލަށް ނެރޭ އުފެއްދުންތަކާއި ބްރޭންޑްތައް ވިޔަފާރިވެރިން ބޭނުންވާ ބަޔަކާ ހަމައަށް ބޭނުންވާ މިންވަރަކަށް މާކެޓްކޯށްދީ ފޯރުކޮށް ދެވިގެން ދާނެ ކަމަށެވެ.

"އަލަށް ނެރޭ ޕްރޮޑަކްޓްތައް 7،000 މީހުންނަށްކަމަށްވިޔަސް އެ ހިސާބަށް ގެންދިއުމުގެ ކެޕޭސިޓީ ބިލްޑް ކުރާނަށް،" ރިފާއު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ސަން މީޑީއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒް ވިދާޅުވީ، ސަން މީޑިއާއިން ކުންފުނިތަކާއި ބްރޭންޑްތައް ކަވާ ކުރާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ބްރޭންޑް ބައި ޒީގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.