ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އަށް އިތުރު 30 ރަށެއް ނެރުއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒުލްފާ ވިދާޅުވީ، މި ސަރުކާރަކީ މެދު ކަނާތުފިޔައިގެ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރަށްރަށް ދޫކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އާއްމުކޮށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ރަށްތައް ދޫކުރާ ސިޔާސަތެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ރަށްތައް ދޫކުރެވޭނީ ނެޝަނަލް ޕްލޭނިން ކައުންސިލުން ކަނޑައަޅައި ވަޒީރުންގެ މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ރަށް ދޫކުރާ ފަރާތްތަކާ އެކު އެގްރީމެންޓް ކުރެވޭނީ އެފަރާތްތަކުގައި ފައިސާ ހުރިކަމުގެ ދަލީލު ދެއްކުމުން ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ.

ޒުލްފާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިފަހުން ރިސޯޓް ހެދުމަށް 27 ރަށެއް މިހާރު ދޫކޮށްފައިވާ ކަމަށެވެ.
"މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން 27 ރަށެއް މިހާރު ވަނީ އެކި ފަރާތްތަކަށް ދޫކޮށްފައި. ރަށްތައް ދޫކުރެވެނީ އެހާ ބޮޑަށް ބިޑިން އުސޫލަކުން ނޫން. ނެޝަނަލް ޕްލޭނިން މެދުވެރިކޮށް، ކަމަށް ގާބިލް ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައި ވަނީ،" ޒުލްފާ ވިދާޅުވި އެވެ.

ރަށްތައް ދޫކޮށްފަ ވަނީ ފަސް ބަޔަކަށް ބަހާލައިގެން ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެއާޕޯޓް ތަރައްގީ ކުރުމަށާއި ހިޔާވަހިކަން ގާއިމް ކުރުމަށް ފައިސާ ހޯދުމަށާއި ދަތުރުފަތުރުގެ ނިޒާމް ގާއިމް ކުރުން ހިމެނޭ ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ. މީގެ އިތުރުން ޓްރެއިނިން ރިސޯޓް ތަރައްގީ ކުރުމުގެ އިތުރުން 300 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން ބޭރުގެ ފަރާތަކަށް ފަސް ފަޅު ތަރައްގީކުރުމަށް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުލްފާ ވިދާޅުވީ ފަތުރުވެރިކަމުގެ އެކި މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްރަށުން ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް، 115 މިލިޔަނާއި 150 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ދައްކަން އަބައޮތް ކަމަށެވެ. ނަމަވެސް އެތަންތަން ނެހެދި ވުމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ހާއްސަ ބެއްލެވުމުގެ ދަށުން ޖޮއިންޓްވެންޗާ އުސޫލުން ސަރުކާރާ ގުޅިގެން ބޭރުގެ އިތުރު އިންވެސްޓަރުން ހޯދައިގެން އެ ތަންތަން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.