ބައިނަލްއަގުވާމީ މައިދާނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިގަބޫލު ކުރައްވާފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އެފްރިކާގެ ތިން ގައުމަކަށް ކުރެއްވި ޒިޔާރަތަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ހީކުރީ އިއްޔެ ލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބަލި ގަބޫލުކުރައްވާނެ ކަމަށް. ހަގީގަތަކީ ރައީސް ނަޝީދު މިހާރުވަނީ ބޭރުގެ ފަރާތްތަކުގައި އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަން ގަބޫލު ކުރައްވާފައި،" ސަރުކާރުން ކުރިއަށްގެންދިޔަ ސިޔާސީ ޕާޓިތަކުގެ މަޝްވަރާގައި އިސް ދައުރެއްވެސް އަދާ ކުރެއްވި ޑރ ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ ޔޫއެންގައި އަދި އީޔޫގައިވެސް ކުރިމަތި ނުލެވޭނެ ކަމަށް އެއްބަސްވެވަޑައިގަތުމަށްފަހު ދެން ނޫސްވެރިންގެ ކުރިމައްޗަށް އަރައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުން "ގުނބޯ" ހެއްދުމަށް ދައްކަވަމުންދާ ވާހަކަފުޅުތަކެއް ކަމަށެވެ.

ރައީސް ނަޝީދުގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަންކަމަށާއި އެއީ ހަގީގަތް ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ކުރިމަތިނުލެވޭ ތަނުގައި އިދިކޮޅުން ކެނޑިޑޭޓަކު ނުކުތަވެސް ނުދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ ލަންކާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަނެއްގެ ތާއީދާއެކު ވެރިކަމަށް ވަޑައިގަތުމަށްފަހު ކޯލިޝަން ރޫޅާލައިފި ނަމަ ސަރުކާރު ރޫޅޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ކުރިމަތި ނުލެވޭ ހާލަތެއް ދިމާވި ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.