24 Jan 2018, 13:13
ލޯފަން ވުމަކީ ދުނިޔެއާ މެދު ލޯ ނުހުޅުވޭންވީ ސަބަބެއް ކަމަށް ޅ. ހިންނަވަރު ރަންކޮކާގޭ އައިމިނަތު މުހައްމަދުފުޅު ނުދެކެއެވެ. އޭނާއަށް އެންމެ ފުރަތަމަ ލިބުނު ފިރިހެން ދަރި އަކީވެސް ލޮލަށް ފެނުމުގައި އުނިކަމެއް ހުންނަ ކުއްޖެކެވެ. އަދި މެދަށް ލިބުނު އަންހެން ދަރިފުޅު މަރިޔަމް އާމާލް އަބްދުﷲ އަކީވެސް އެ ނިއުމަތުން މަހުރޫމް ވެފައިވާ ކުއްޖެކެވެ.
އައިމިނަތުގެ ހަޔާތައް އެންމެ ފުރަތަމަ ދަރިފުޅު ލިބުމާއެކު ލިބުނު އުފާވެރިކަމަށް ވުރެ ލިބުނު ކަންބޮޑުވުން އިތުރެވެ. ޒަމާނަށް ބަލާއިރު ލޯފަން ކުއްޖަކަށް ފުރުސަތުތައް ހޯދައިދެވޭނެ ގޮތެއްވެސް ނެތުމުން އެ މާޔޫސްކަން ވީ އިތުރެވެ. ނަމަވެސް އައިމިނަތުގެ ހިތުގައި އޮތް މައިވަންތަކަމުގެ ކުލުނާއި ސާބިތުކަން އެންމެ ތަންފުކެއްވެސް ކުޑައެއް ނުވެއެވެ.
މަރިޔަމް އާމާލް އަބްދުﷲ--
"އެންމެ ބޮޑަށް ހުރި ކުއްޖާ އަކީވެސް ލޮލަށް ފެނުމުގައި ދަތިކަމެއް ހުންނަ ކުއްޖެއް. ނަމަވެސް އޭނާއަށް ތައުލީމު އުނގަންނައިދޭން އަޅުގަނޑު މަސައްކަތް ކުރިން. އެ މަސައްކަތުގެ ތެރެއިން އޭނާ ގްރޭޑު އެކަކަށް ވައްދައިގެން ގްރޭޑު ހަތަކާއި ހަމައަށް ކިޔަވައިދިނިން،"
އައިމިނަތުގެ ބޮޑު ދަރިފުޅަށް ކިޔަވައިދޭން ކުރި މަސައްކަތް ގްރޭޑު ހަތަކާއި ހިސާބުން މެދު ކަނޑާލަން ޖެހުނީ އިނގިރޭސި މީޑީއަމް އުފެދި، ގޮންޖެހުންތަކަކާއި ކުރިމަތިވުމުންނެވެ. ނަމަވެސް އޭނާގެ ހިތްވަރު އެލުވައެއްނުލައެވެ. ހިތްވަރާއި އެކު ދަރިފުޅަށް ދީނީ ތައުލީމު އުނގައްނައިދީ، އެ ދަރިފުޅަކީ މީހުން ބަލައިގަންނަ ކުއްޖަކަށް ހެދިއެވެ.
"މިހާރު ބޮޑު ދަރިފުޅަކީ ރަށު މިސްކިތުގެ އިމާމު،" ފަހުރުވެރިކަމާއި އެކު އައިމިނަތު ބުންޏެވެ.
އައިމިނަތުގެ ފަސްކުދިން ތިބޭ އިރު އޭނާ މިއަދު ފަހުރުވެރިވަނީ އެންމެ ލޯބިން ބަލައި ބޮޑުކުރި ދަރިން އޭނާ ފަހުރުވެރިކޮށްދޭތީއެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި އޯލެވެލް އިމްތިހާނުގައިއި ބައިވެރިވި އޭނާގެ ދަރިފުޅު އާމަލް ވަނީ ހުރިހާ މައްދާއަކުން ފާސްވެފައެވެ. ލޮލަށް ފެނުމުގައި ދަދިތަކެއް ހުރި އާމަލް އެ ނަތީޖާ ހޯދީ ގިނަ ބަޔަކަށް ސިހުން ގެނުވަމުންނެވެ.
މަރިޔަމް އާމާލް އަބްދުﷲ--
އާމާލްއަށް ފެންނަނީ ވަކި ވަރަކަށް ވުރެ އަލިގަދަ ވުމުންނެވެ. ރޭ ގަނޑުގެ ވަގުތުތަކުގައި އެއް ގޮތަކަށްވެސް ނުފެންނީއެވެ. އާމަލްއަށް ފެނުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި ފުރަތަމަ ދަރިފުޅަށް ކިޔަވައިދޭން ކުރި މަސައްކަތް ނާކާމިޔާބުވުމުން އާމާލް ސްކޫލަށް ނުލައި އައިމަތު މަޑުކުރީއެވެ. ނަމަވެސް ގޭގައި އާމާލްއަށް އެކި ކަހަލަ ފިލާވަޅުތައް އޭނާގެ އެހެން ދަރިން ލައްވާ އުނގަންނައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
"އޭރު ދެން ސްކޫލަކަށް ނުލަން. ގޭގައި ކުދިކުދި ފިލާވަޅުތައް ކިޔަވާ ދެނީ،"
އާމާލްއަށް ކިވައިދެވޭނެ އިންތިޒާމްތައް ހަމަޖެހުނީ ހިންނަވަރުގައި ސެން ކްލާސްތައް ފެށުމާއި ގުޅިގެންނެވެ. އައިމިނަތު ކުރަމުންދިޔަ އުންމީދަށް ފިނިކަމެއް ލިބުނީ އެހާ ހިސާބުންނެވެ.
"ސެން ކަލާސްތައް ފެށީމަ އެ ކްލާސްތަކަށް ފޮނުވަން ފެށީ. ވަރަށް ހިތް އަލި ކުއްޖެއް އާމާލް އަކީ،"
އާމާލް އޯލެވެލްގައި ބައިވެރިވި ހުރިހާ މާއްދާއަކުން ފާސްވިއިރު އޭނާގެ މަންމަ އައިމިނަތު ވަނީ އެކަން ހާސިލްކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ކޮންމެ ފަހަރަކުވެސް ޓެސްޓެއް ހެދުމަށް އާމާލް އުފުލަންޖެހޭ ބުރަ ލުއި ކޮށްދެނީ އޭނާގެ އާއިލާއާ ލޯބިވާ މަންމައެވެ.
މަރިޔަމް އާމާލް އަބްދުﷲ--
އާމާލްގެ ބޮޑު ކާމިޔާބީގައި އޭނާގެ ރަހުމަތްތެރިންނާއި މުދައްރިސުންގެ އެހީތެރިކަން ބޮޑުކަމަށް އައިމިނަތު ކިޔައިދިނެވެ. އޭނާ އެމީހުންގެ މަސައްކަތް ބަލައިގަންނަނީ ޝުކުރުވެރިކަމާއިއެކުއެވެ.
އައިމިނަތު ގަބޫލުކުރާ ގޮތުގައި އުފެދުމުގައި ހާއްސަ ގޮތެއް ހުންނަ ކުއްޖަކު ބަލައި ބޮޑުކުރުމަކީ ގޮންޖެހުމެއް ނޫނެވެ. އެކުދިން ގޮވައިގެން މަސައްކަތްކުރުމަކީ ދައްޗެއް ނޫން ކަމަށް އޭނާ ގަބޫލުކުރެއެވެ. އައިމިނަތު ލޯފަން ދެ ކުދިން ބަލައި ބޮޑުކޮށް، ބަޔަކަށް ހެދީ އެ އަޒުމުގައެވެ.
އާމާލް މިހާރު މިސްރާބު ޖަހާފައި ހުރީ މަތީ ސާނަވީ ތައުލީމު ހާސިލު ކުރުމަށެވެ. އޭނާގެ މަންމަ ހުރީ އާމާލްގެ އެ އުންމީދުވެސް ހާސިލްކޮށްދިނުމަށް ވެދެންޖެހޭ ކޮންމެ ގުރުބާނީއެއް ވެސް ވުމަށް ތައްޔާރަށެވެ.
އާމާލްގެ މަންމައާއެކު ފޯނުން ކުރެވުނު އިންޓަވިއު ނިންމާލީ، އޭނާ ފަދައިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ދިން ހާއްސަ މެސެޖަކުންނެވެ.
އޭނާގެ މެސެޖް ސާފުވެފައި ސީދާއެވެ.
އައިމިނަތު އެދުނީ ހިތްވަރު ކުރުމަށާއި، ހިތް ބުރަ ނުކުރަމަށެވެ.