23 Jan 2018, 16:00
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މާލެ އާއި ހުޅުލެއަށް ނިމޭ ޕޮއިންޓްތަކުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ޑިސްޓްރިބިއުޝަން ޕޮއިންޓްތަކަށް ފެން ހޮޅި ލައިދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ފޮތް ދޫކުރާނީ މި މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް ބީލަން ފޮތަށް ފައިސާ ދެއްކުން މިއަދުންް ފެށިގެން މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނެފައި ވަނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނި ކަމަށާއި ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500 ރުފިޔާ ކަމަށެވެ. އަދި ބީލަން ފޮތަށް ފައިސާ ބަލައިގަނެ، ފޮތް ދޫކުރާނީ ފެން ބިލްޑިންގް ގެ ދެވަނަ ފަންގިފިލާގައިވާ އެމްޑަބްލިއުއެސްސީގެ އޮފީހުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި ބުނެފައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން އަންނަ ފެބްރުއަރީމަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އޭގެ ފަހުން ބީލަންތައް ބަލައިގަންނާނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.