16 Aug 2011, 15:12
މެންޗެސްޓާ ޔުނައިޓެޑާ ދާދިފަހުން ގުޅިފައިވާ ކީޕަރު ޑޭވިޑް ޑިޖިއާ ހަދަމުންދާ ކުށްތަކެއް ތަކުރާރުވަމުންދާ ނަމަވެސް އެކްލަބުގެ އެސިސްޓަންޓް ކޯޗް މައިކް ފެލަންއާއި ޑިފެންޑަރު ކްރިސް ސްމޯލިންގް ޑިޖިއާ ދިފާޢުކޮށް ވާހަކަ ދައްކައިފި އެވެ.
މެންސިޓީއާ ދެކޮޅަށް މެންޔޫ ކޮމިއުނިޓީ ޝީލްޑް މެޗްގެ ފުރަތަމަ ހާފްގައި އުމުރުން 20 އަހަރުގެ ޑިޖިއާގެ ފަރާތުން ކުށްތަކެއް ފެނިފައިވެ އެވެ. މީގެއިތުރުން ޕްރެމިއާ ލީގު ފުރަތަމަ މެޗްގައި އެ ޓީމު ވެސްޓްބްރޮމްއާ ދެކޮޅަށް ކުޅުނު މެޗްގައި ވެސް ޑިޖީއާގެ ފަރާތުން ކުށެއް ފެނިފައިވެ އެވެ.
"ޒުވާނަކަސް މުސްކުޅިޔަކަސް ގޯލްކީޕަރުންގެ ފަރާތުން ކުށްތަކެއް ފެނިދާނެ. އަހަރެމެން އޭނާ އަށް އިތުބާރުކުރަންވާނެ. އޭނާ ޕްރެމިއާ ލީގުގެ މޮޅު ކީޕަރަކަށްވާނެ." މެންޔޫގެ އެސިސްޓަންޓް ކޯޗް ފެލަން ބުންޏެވެ.
އެންމެމޮޅު ކީޕަރުންގެ ތެރޭގައި ކީޕަރު ޑިޖިއާ ހިމެނޭނެ ކަމަށް މެންޔޫގެ ޑިފެންޑަރު ސްމޯލިންގް ވެސް ގަބޫލުކުރެ އެވެ.
"އޭނާ ވަރަށް ރަނގަޅު ބޯޅަތައް ދިފާޢުވެސްކުރޭ. އޭނާގެ ޖެހުންތައް ރަނގަޅުވެފައި އޭނާއަކީ އަވަސް ކީޕަރެއް. އޭނާ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނިގެންދާނެ." ޑިފެންޑަރު ސްމޯލިންގް ބުންޏެވެ.
މެންޔޫގެ ކުރީގެ ތަޖުރިބާކާރު ގޯލްކީޕަރު އެޑްވިން ވެންޑަސާ ކުޅުމާއި ދުރަށް ދިއުމުން މިސީޒަނަށް އެތްލެޓިކޯ މެޑްރިޑުން 18 މިލިޔަން ޕައުންޑަށް ގެނައި ކީޕަރުގެ ފަރާތުން އާދަޔާ ޚިލާފް މޮޅުކުޅުމެއް އަދި ފެނިފައެއް ނުވެ އެވެ.