23 Jan 2018, 15:23
ބޭރުގެ މީހުން ރާއްޖޭގައި އިޝްތިހާރުތައް ކުޅުމާއި، ފިލްމު އަދި ޑޮކިއުމަންޓްރީ ހެދުމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓީ (މަޓީ)އިން އެދިއްޖެއެވެ.
މަޓީއިން ނެރުނު، އެޖަމިއްޔާގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ފިލްމު އުފެއްދުމާއި ޑޮކިއުމަންޓްރީ އަދި އިޝްތިހާރުފަދަ ތަެކެތި އުފެއްދުމަކީ ހިލޭ ރާއްޖެ ބޭރުގެ މާކެޓް ތަކުގައި އިޝްތިހާރުކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށެވެ.
މިހާރު އޮތް ގޮތުން ބޭރުގެ ފަރާތްތައް ރާއްޖޭގައި ފިލްމާއި އިޝްތިހާރު ހެދުމުގެ ކަންކަން ހިނގަނީ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) މެދުވެރިކޮށެވެ.
ނަމަވެސް މަޓީގެ ރިޕޯޓުގައިވާ ގޮތުން، މަޓީއިން ވަނީ ބޭރު މީހުން ރާއްޖޭގައި ފަތުރުވެރިކަމާ ގުޅޭ ފިލްމާއި ޑޮކިއުމެންޓްރީ އަދި އިޝްތިހާރު ހެދުމުގެ ކަންކަން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ކުރިޔަށް ގެންދާ ގޮތަށް ބަދަލުކުރުމަށް އެދިފައެވެ. އަދި އެކަންކަން ފަސޭހަކަމާ އެކު ކުރިޔަށް ގެންދެވޭނެ ގޮތަށް ގަވައިދަށް ބަދަލު ގެނެސްދިނުމަށްވެސް މަޓީއިން އެދުނުކަަމށް މަޓީގެ ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން މަޓީއިން ބުނީ، މިދިޔަ އަހަރުގެ ތެރޭގައި އެޖަމިއްޔާއިން ވަނީ މަޓާޓޯގެ އޮފިޝަލުންނާ ވެސް ބައްދަލުކޮށް، ރާއްޖެ އިޝްތިހާރުކޮށް މާކެޓުކުރުމުގައި ދެ ޖަމިއްޔާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި ކަމަށެވެ.