ދިވެހިރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބު އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ މެޗުމިއަދު އޮންނާނެއެވެ.

ޓީސީ ސްޕޯޓްސް ކްލަބު

ޓީސީ ސްޕޯޓްސް ކްލަބަކީ 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަނުންނެވެ. 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ނުކުތް ޓީސީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރުގަދަ ޓީމަކަށް ވެފައެވެ. 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލްވެސް ކުޅުނު ޓީސީއަކީ މިދިޔަ ސީޒަންގެ މާލޭ ލީގު، ދިވެހި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕާއި ޕްރެސިޑެންޓްސް ކަޕުގެވެސް ރަނަރަޕް ޓީމެވެ. އަދި މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންވިޓޭޝަނަލް ކަޕުގެ ޗެމްޕިއަން ޓީމަކީވެސް ޓީސީއެވެ. ޓީސީއަކީ އޭއެފްސީ ކަޕުގައި ކުޅޭ ރާއްޖޭގެ އެންމެ ޅަ ކްލަބެވެ. މިއީ ޓީސީ އޭއެފްސީ ކަޕުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ކޯޗު: މުހައްމަދު ނިޒާމް (ނިޒާމްބެ)

މެޗުގެ ކުރިން ކޯޗު ބުނީ ކީކޭ؟

މެޗަށް ފުރުމުގެ ކުރިން ރާއްޖޭގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓީސީ މަސައްކަތް ކުރާނީ މެޗުން މޮޅުވާން ކަމަށާއި، ޓީސީއަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމަށެވެ. ނިޒާމްބެ ބުނީ ޓީމަށް އަލަށް ގުޅުނު ބިދޭސީ ފޯވާޑް އަނިޔާގެ ސަބަބުން ޓީސީއާއެކު ބަންގާޅަށް ނުދާނެ ކަމަށާއި، އިއްޔެގެ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މިމެޗަށް މިޑްފީލްޑަރު މުހައްމަދު އައްޒާމްވެސް ނުފެނިދާނެ ކަމަށެވެ. އިއްޔެ ބަންގުލަދޭޝްގައި ނިޒާމްބެ ދިން އިންޓަވިއުގައި ބުނެފައިވަނީ މިދިޔަ އަހަރު ޝެއިޚް ކަމާލް ކަޕުގައި ޓީސީ ހޯދި ނަތީޖާތައް އެގައުމުގައި އަނެއްކާވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ. ނިޒާމްބެ އިތުރަށް ބުނީ މެޗުން އެއްވަރުވާން ނުނިކުންނާނެ ކަމަށާއި، މެޗުން ތިން ޕޮއިންޓް ނަގާނެ ކަމަށެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ލަފާކުރެވޭ ފުރަތަމަ 11

  • ޑިމީޓްރީ އަސްނިން (ކީޕަރު)
  • އަބްދުﷲ ހަނީފް (ބެންޖޯ)
  • އަލާ ނާސިރު
  • މުރުތަލާ އަދުނާން
  • އަހުމަދު ފައްރާހް
  • އަހުމަދު ރިލްވާން (ބެން)
  • އިބްރާހީމް ވަހީދު (އިއްބެ)
  • އެނަޓޯލީ ވްލާސިޗޭވް
  • އިޝާން އިބްރާހީމް (ސައްޓު)
  • މުހައްމަދު ސާމިރު
  • އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)

ސައިފް ސްޕޯޓްސް ކްލަބު

ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބަކީވެސް ޅަ ކްލަބެކެވެ. ކްލަބް ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގަން ފެށިފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އެޓީމު ބަންގުލަދޭޝްގެ ދެވަނަ ޑިވިޝަންގައި ކުޅުނުއިރު ޓީމަށް އިރުޝާދު ދިނީ ކުރިން ނިއުރޭޑިއަންޓަށްވެސް އިރުޝާދު ދިން ނިކޮލާ ކަވަޒޮވިޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައިފް އެ ސީޒަން ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ބަންގުލަދޭޝްގެ ޕްރިމިއާ ލީގަށް މިދިޔަ ސީޒަންގައި ނުކުތުމުގެ ކުރިން ސައިފް ވަނީ އިންޑިއާގައި ކޭމްޕް ކޮށް، އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. މިދިޔަ ސީޒަން ލީގުގެ ހަތަރު ވަނައިގައި އޮވެ ނިންމާލިއިރު، އެ ޓީމު އޭއެފްސީ ކަޕު ޕްރިލިމިނަރީ ބުރުން ޖާގަ ހޯދީ އެގައުމުގައި ކޮލިފައިން ކުޅެގެންނެވެ. ސައިފް ގްލޯބަލް ސްޕޯޓްސްގެ އޯނަރުޝިޕްގެ ދަށުން ހިންގަމުންދާ ސައިފް ސްޕޯޓްސްގެ ފެނިގެންދަނީ ވަރަށް ބޮޑެތި ހަރަދުތަކެއް ކުރާ ޓީމެއްގެ ގޮތުގައެވެ.

މިދިޔަ ސީޒަންގެ ކުރީ ކޮޅުގައި ގާނާގެ ކިމް ގްރާންޓް އިރުޝާދު ދިން ނަމަވެސް ފަހުން އެޓީމަށް އިރުޝާދު ދީފައިވަނީ އިނގިރޭސިވިލާތުގެ ރަޔަން ނޯތުމޯއެވެ. ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު ސައިފް އޭއެފްސީ ކަޕަށް ނުކުތީ ލޯނުގައި ގިނަ އަދަދެއްގެ އައު ކުޅުންތެރިންނާވެސް އެކުގައެވެ.

ކޯޗު: ރަޔަން ނޯތުމޯ

ސައިފް އެސްސީ ގެ ފޯވާޑް ހެމްބާ އާލޭ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ މީސް މީޑިއާ

މެޗުގެ ކުރިން ކޯޗު ބުނީ ކީކޭ؟

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރަޔަން ނޯތުމޯ ބުނީ މެޗަށް ނުކުންނާނީ ދެވަނަ ލެގެއް އޮތް ކަމަށް ވިސްނައިގެން ކަމަށާއި، މެޗަށް ވިސްނާނީ ބެލެންސް ކުޅުމެއް ކުޅެން ކަމަށެވެ. އަދި އާ ކުޅުންތެރިންތަކެއް ޓިމާ ގުޅިފައިވުމުން އެ ކުޅުންތެރިންނާއެކު ޓީމު އަދި އެކުނުވާ ކަމަށާއި، އެއީ ގޮންޖެހުމެއް ކަމަށްވެސް ރަޔަން ނޯތުމޯ ވަނީ ފާހަގަކޮށްފައެވެ.

ސައިފް އެސްސީގެ ކޯޗު ރަޔަން ނޯތުމޯ --- ފޮޓޯ/ ބީޓީ ސްޕޯޓްސް

ލަފާކުރެވޭ ފުރަތަމަ 11

  • މުހައްމަދު ޕާޕު ހުސެއިން (ކީޕަރު)
  • މުހައްމަދު އާރިފުލް އިސްލާމް
  • މުހައްމަދު ރާފީ
  • އިމްރާން ހަސަން ރިމޯން
  • ރަހްމަތު މިޔާ
  • ޖަމާލް ބުޔާން
  • ވެޑްސަން އަންސަލީން
  • ޗާލީ ޝެރިންހަމް
  • މުހައްމަދު ޖެވިލްރާނާ
  • މުހައްމަދު އިބުރާހީމް
  • ހެމްބާ އާލޭ

މެޗު ގަޑި: ރާއްޖެ ގަޑިން 14:00

ސްޓޭޑިއަމް: ބަންގަބަންގު ނޭޝަނަލް ސްޓޭޑިއަމް، ދާކާ، ބަންގުލަދޭޝް