23 Jan 2018, 12:20
ލިވަޕޫލްގެ ޓީމުގެ ކުޅުންތެރިންނަނީ ފޯމިއުލާ ވަން ކާރުތަކެއް ނަމަވެސް، ހަވީރު ހަތަރެއް ޖަހާއިރު ލަންޑަންގެ މަގެއްގައި ޓްރެފިކް ޖެހުމުން ނުދުއްވޭނެ ކަމަށް ސްވަންސީގެ ކޯޗު ކާލޯސް ކަވަލިއާ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާލީގުގައި ރޭ ލިވަޕޫލްއާއި ތާވަލުގެފުލުގައި އޮތް ސްވަންސީ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވަންސީއެވެ. މެޗުގައި ސްވަންސީގެ ހަމައެކަނި ގޯލް ޖަހައިދިނީ މޯސަންއެވެ. ރޭގެ މެޗުން ލިވަޕޫލް ބަލިވީ ބަލިނުވެ 18 މެޗު ކުޅުމަށްފަހުގައެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްވަންސީގެ ކީޕަރު ފަބިއާންސްކީ --- ފޮޓޯ/ އޭޕީ
މެޗަށްފަހު ވާހަކަ ދައްކަމުން ކަވަލިއާ ބުނެފައިވަނީ މެޗުގެ ކުރިން ސްވަންސީގެ ކުޅުންތެރިންނާ ވާހަކަ ދައްކަމުންވެސް ލިވަޕޫލްއަކީ ވަރުގަދަ ޓީމެއް ކަމަށް ބުނި ކަމަށެވެ. އަދި ލިވަޕޫލްގެ ކުޅުންތެރިންނަކީ ފޯމިއުލާ ވަން ކާރުތަކެއް ނަމަވެސް، ލަންޑަންގެ 'ރަޝް އަވާ' ގައި ޓްރެފިކް ޖެހިއްޖެނަމަ އެ ކާރުތައްވެސް އެހެން ކާރުތަކެކޭ އެއްވަރުވާނެ ކަމަށް ސްވަންސީ ކުޅުންތެރިން ގާތު ބުނި ކަމަށްވެސް ކަވަލިއާ ބުންޏެވެ.
ކަވަލިއާ ބުނެފައިވަނީ ކުޅުންތެރިން ކައިރީގައި އޭނާ ބުނީ ލިވަޕޫލްގެ ކުޅުންތެރިންނަށް މަގުތައް ހުޅުވާނުލުމަށް ކަމަށާއި، ދަނޑުމަތީގައި ޖާގަ ނުދިމަށް ކަމަށެވެ.

ލިވަޕޫލް ރޭގެ މެޗުން ބަލިވީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން --- ފޮޓޯ/ އޭޕީ
ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފައިވަނީ މެޗުގެ ނަތީޖާއަށްވުރެ މެޗުގައި ލިވަޕޫލް ކުޅުނު ކުޅުމާމެދު މާޔޫސްވާ ކަމަށެވެ. ކްލޮޕް ބުނީ ސްވަންސީއަށް މޮޅުވުމަށް ލިވަޕޫލްގެ އެހީތެރިކަން ބޭނުންވި ކަމަށާއި، ލިވަޕޫލްއިން އެ އެހީތެރިކަން ދިން ކަމަށެވެ.
ރޭގެ މެޗުން ބަލިވެ ލިވަޕޫލް އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އެޓީމަށް ލިބެނީ 24 މެޗުން 47 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން ލިބުނީ 50 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވިނަމަވެސް ސްވަންސީ އޮތީ ލީގު ތާވަލުގެ ފުލުގައެވެ.