16 Aug 2011, 15:08
އާސެނަލްގެ ޒުވާން ދެ މިޑްފީލްޑަރުން ކަމަށްވާ ޖެކް ވިލްޝެޔާއާއި އާރޮން ރަމްސީގެ ފަރާތުން ކާމިޔާބީ ލިބިގެންދާނެ ކަމަށް އެ ކްލަބާއި ވަކިވި ބާސެލޯނާގެ ސްޕެއިންގެ ތަރި ސެސް ފެބްރިގާސް ސަޕޯޓަރުންނަށް ޔަގީންކޮށްދީފި އެވެ.
ފެބްރިގާސް ނެތްތައް އެދެކުޅުންތެރިންނަށް ފޫބެއްދޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް ފެބްރިގާސް ބުނެފައިވެ އެވެ.
ފެބްރިގާސް ވަނީ އޭނާގެ ހުވަފެން ތެދުކޮށް ބާސެލޯނާއާ އިއްޔެ ގުޅިފަ އެވެ. އާސެނަލްގެ ކޯޗް އާސެން ވެންގާއަކީ އާސެނަލްއާ އެކު ކާމިޔާބީ ލިބޭނެ ހަމައެކަނި ކޯޗްކަމަށް ވެސް ފެބްރިގާސް ބާސެލޯނާއަށް ގުޅުމަށް ފަހު ބުނެފައިވެ އެވެ.
ބޮޑު ޚަރަދެއްކޮށް މިސީޒަނަށް އާސެނަލްގެ ސްކޮޑަށް ވަރުގަދަ ކުޅުންތެރިންތަކެއް ކޯޗް ވެންގާއަށް އަދި ގެނެވިފައެއް ނުވެ އެވެ.
މީގެއިތުރުން، އާސެނަލްގެ ޑިފެންޑަރުންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތާކާއިހެދި އާސެނަލްގެ ޑިފެންސަށް ކޯޗް ވެންގާވަނީ ވަރަށް ބޮޑަށް ވިސްނަންޖެހިފަ އެވެ.
"އަހަރެންނަށް ރަމްސީގެ ކުޅުން ތިން އަހަރު ދުވަހު ފެނުން. އަދި ވިލްޝެޔާގެ ކުޅުން ދެއަހަރާއި ބައި ފެނުން. އަވަސް ފުރުސަތެއްގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަނަކަށް ވިލްޝެޔާވާނެކަމާ މެދު ޝައްކެއްނެތް. ވިލްޝެޔާއަށް ވަރަށް ރަނގަޅަށް ކޮއްޓޭނެ އަދި އޭނާގެ ޕާސްތައް ވެސް ވަރަށް ރަނގަޅު. ކުރިމަގުގައި އޭނާ ވަރަށް މޮޅު ކުޅުންތެރިއަކަށް ވެގެންދާނެ." ފެބްރިގާސް ބުންޏެވެ.
ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އަންނަ އަންގާރަ ދުވަހު ޔުދިނޭސީއާ ދެކޮޅަށް އާސެނަލްއިން ނުކުންނަ މެޗްގައި އާސެނަލްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންދާ އެލްކްސް ސޯންގަށް ކުޅެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޕްރެމިއާ ލީގު މެޗްގައި ނިއުކާސަލްގެ ބާޓަންއަށް ސޯންގް ހަމަލާދީފައިވެ އެވެ.