ށ. މާއުނގޫދޫގައި ކޭބަލްޓީވީގެ ހިދުމަތްދޭ ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ހުއްދަ ނުހޯދާ 14 ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)އިން އެކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ބުނީ ށ. މާއުނގޫދޫގައި ރީބްރޯޑްކާސްޓްކުރާ ލަސްޓްރަމްއަށް ހުއްދަ ދީފައިވަނީ ސޮނީ، ކާޓޫން ނެޓްވޯކް، އީއެސްޕީއެން އޭޝިޔާ، ސްޓަރ ޕްލަސް، ފޮކްސް މޫވީޒް ޕްރީމިއަމް، ނެޓް ޖިއޯ އަދި ޓެން ސްޕޯޓްސް ހިމެނޭގޮތަށްހަތް ޗެނަލް ދޫކުރުމަށް ކަމަށެވެ.

ނަމަވެސް ލަސްޓްރަމްއިން ފްރީ ޓު އެއާ ޗެނަލްތަކެއް ކަމަށް ބުނެ ހުއްދަ ނުހޯދައި 14 ޗެނަލެއް ދައްކައިފައިވާ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ. ލަސްޓްރަމްއިން ވަނީ ޓީވީއެމް، ޔެސް ޓީވީ، ޗެނަލް 13، ވީޓީވީ، ރާއްޖެ ޓީވީ، ސަން ޓީވީ، ޕީސް ޓީވީ (އިންގްލިޝް)، ސްޓާ އުތުސަވް، ސްޓާ އުއްސަވް މޫވީ، ހަމް މަސާލާ، އަރީ ޑިޖިޓަލް، ޗެނަލް 9، ޒީ އީޓީސީ އަދި އަރީ މިޔުޒިކް ހުއްދަ ނުހޯދައި ދޫކޮށްފައެވެ.

ބްރޮޑްކާސްޓިންގް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ލަސްޓްރަމްއިން ބްރޯޑްކާސްޓް ކުރުމުގެ ގަވައިދާ ހިލާފުވެފައިވާތީ ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000 ރުފިޔާމަގުން 14 ޗެނަލަށް ޖުމުލަ 28,000 ރުފިޔާއިން ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ލަސްޓްރަމްއަށް ދޫކޮށްފައިވަނީ ހަތް ޗެނަލްގެ އަސާސީ ޕެކޭޖެއް ކަމަށްވެފައި، އެހެން ޕެކޭޖެއްގެ އަގު ފާސްކުރުމަށް ހުށަނާޅައި އެހެން ޕެކޭޖްތައް ވިއްކާކަން ސާބިތުވެފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ކުންފުނި 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ބްރޯޑްކޮމްއިން ބުންޏެވެ.

ބްރޯޑްކޮމްއިން ވަނީ ލަސްޓްރަމްއިން ޖޫރިމަނާކުރި ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް އެ ކުންފުންޏަށް އަންގައިފައެވެ. އަދި ގަވައިދާ ހިލާފަށް ދައްކަމުންދާ ޗެނަލްތައް ދެއްކުން ހުއްޓާލާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއުތުުރު ގެންނަނަމަ ބްރޯޑްކޮމްއަށް އެންގުމަށްވެސް ބްރޯޑްކޮމްއިން ވަނީ އެދިފައެވެ.