23 Jan 2018, 17:02
ފީފާ ވޯލްޑް ކަޕު ތަށްޓަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޕްރޮޑަކްޓް ކަމަށާއި، އެ ތަށި ރާއްޖެ ގެނައުމަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް މުހިއްމު ތަޖުރިބާއަކަށްވާނެ ކަމަށް ތަޖުރިބާކާރު ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ކޮކާކޯލާއިން ކުރިއަށްގެންދާ ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާގައި ފީފާގެ އޮރިޖިނަލް ޓްރޮފީ މާދަމާ ދިވެހިރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، މާދަމާނޫން އަނެއް ދުވަހު އޮންނަ ޕަބްލިކް އިވެންޓުގައި ޓްރޮފީއާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
'ސަން ޓީވީ'ން ކުރިއަށް ގެންދާ ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާ ކައުންޓްޑައުން ޝޯގައި ވާހަކަ ދައްކަމުން ފެސްކޯ ބުނެފައިވަނީ ފީފާ ވޯލްޑް ކަޕު ޓްރޮފީއަކީ އެންމެ އަގުބޮޑު ޕްރޮޑަކްޓަށް ވީ ސަބަބަކީ އެންމެ އަގު ބޮޑު ޓީވީ ރައިޓެއްގެ އިތުރުން އެންމެ ގިނަ ސްޕޮންސަރުންގެ އިސްތިހާރު ވިއްކޭ މުބާރާތަކީ ވޯލްޑް ކަޕު ކަމަށްވާތީ ކަމަށެވެ.
"އެންމެ ބޮޑު އަގުގައި ޓީވީ ރައިޓްސް ވިއްކާ، އެންމެ ގިނަ އިސްތިހާރު ވިއްކާ އިވެންޓަކީ ވޯލްޑް ކަޕު. އެވަރުގެ ޕްރޮޑަކްޓެއް ރާއްޖެއަށް އައުމަކީ ފައިދާތަކެއް ކުރާނެ ކަމެއް. ހަމައެކަނި ވޯލްޑް ކަޕު ތަށީގެ ސެކިއުރިޓީންވެސް އެތަށީގެ އަގު އެނގޭ. އެ ހޯދާ ފަރާތަކަށްވެސް މިދެނީ ޕްލޭޓެޑް ރެޕްލިކާއެއް. އެހެންވީމަ އަސްލު ޓްރޮފީއާއެކު ފޮޓޯ ނެގުމަކީ ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހެއްގެވެސް ހުވަފެނެއް،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ އޭނާ ދެކޭގޮތުގައި ދިވެހި ފުޓުބޯޅައަށް ދިވެހިންގެ ތަރުހީބު ކުޑަވުމުގެ މައިގަނޑު ސަބަބަކީ އެކަށީގެންވާ ވަރަށް މާކެޓް ނުކުރެވުން ކަމަށާއި، ވޯލްޑް ކަޕު ޓްރޮފީގެ ސަބަބުން ދިވެހި ފުޓުބޯޅަ މާކެޓްކުރަން ފަސޭހަވާނެކަމަށްވެސް ފެސްކޯ ބުންޏެވެ.
"ވޯލްޑް ކަޕު ޓްރޮފީއަކީ މިހާރުވެސް ދުނިޔޭގެ އެންމެ ބޮޑަށް މާކެޓްވެފައި އޮތް ޕްރޮޑަކްޓް. އެ މިގެންނަނީ ދިވެހި ފުޓުބޯޅައިގެ ތެރެއަށް. އޭގެ ސަބަބުން ދިވެހި ފުޓުބޯޅަ މާކެޓްވާނީ،" ފެސްކޯ ބުންޏެވެ.
ފެސްކޯ އިތުރަށްބުނީ ވޯލްޑް ކަޕު ޓްރޮފީފަދަ ޓްރޮފީއެއް ގެނައުމަކީ މަދުން ނޫނީ ނުވާނެ ކަމަށާއި، މި ފުރުސަތަކީ ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ ފަރާތަކުންވެސް ދެކެން ބޭނުންވާނެ ދުވަހެއް ކަމަށްވެސް ފެސްކޯ ބުންޏެވެ.
ވޯލްޑް ކަޕު ޓްރޮފީ ޓުއާގެ ގްލޯބަލް ޓުއާ އިއްޔެ ފަށައިފައިވާއިރު، ޓްރޮފީގެ ފުރަތަމަ މަންޒިލަކަށްވާނީ އިނގިރޭސިވިލާތުގެ ލަންޑަނެވެ. ދެން އަންނާނީ ރާއްޖެއަށެވެ.