ކްލަބު ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފާއި އެޓީމުގެ ގޯލްކީޕަރު އަހުމަދު ފައިރޫޒް (ފައިރޫ) އެ ކްލަބާއެކު ކޮންޓްރެކްޓް އާކޮށްފިއެވެ.

ގްރީން ސްޓްރީޓްސްއިން ބުނެފައިވަނީ އެ ދެ ކުޅުންތެރިންވެސް އަންނަ ސީޒަންގެ ނިޔަލަށް ގްރީންގައި މަޑުކުރަން ނިންމައިފައިވާ ކަމަށެވެ.

ސާއިފްއަކީ ވޭތުވެދިޔަ ސީޒަންގައި ގްރީނަށް މޮޅު ކުޅުމެއް ދައްކާފައިވާ ޑިފެންޑަރެކެވެ. އެގޮތުން މާލޭ ލީގުގައި ސާއިފް ދެއްކި ކުޅުމާއެކު އޭނާވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީނު ވާދަކުރި މެޗަށް އެކުލަވާލި ގައުމީ ސްކޮޑުންވެސް ޖާގަ ހޯދައިފައެވެ.

ކީޕަރު ފައިރޫ ސީޒަންގެ ގިނަ މެޗުތަކެއްގައި ގްރީންގެ ބެންޗުން ފެނުނު ނަމަވެސް އޭނާއަކީ ފުރަތަމަ ޑިވިޝަންގެ ތަޖްރިބާ ބޮޑު ކީޕަރެކެވެ. އަދި ދިވެހި ޕްރިމިއާލީގުގެ ފަހުކޮޅުގައި ގްރީންއަށް ކުޅެމުންދިޔަ ޖަޕާން ކީޕަރު ޖުން ކޮޗީގެ ބަދަލުގައި ފައިރޫވަނީ ފެނިގެން ގޮސްފައެވެ.

ގްރީން ސްޓްރީޓްސްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އިބުރާހީމް ރިޒުހާން (ރިޒްކޮ)ވެސް ވަނީ އަންނަ ސީޒަންގައި އެ ކްލަބުގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފައެވެ.

ގްރީނަށް މި ސީޒަންގައި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އަދި މުހައްމަދު ރިޝްވާން (ފުކޭ)އާއި ހުސެއިން އަބްދުﷲ (އުޗީ) ފާހަގަކޮށްލެވެއެވެ.

ގްރީންއިން ބުނެފައިވަނީ މިދިޔަ ސީޒަންގައި އެޓީމަށް ކުޅުނު މިޑްފީލަޑަރު ސޮބުލް އިލިއާއި ކީޕަރު ޖުން ކޮޗީ މި ސީޒންގައިވެސް ޓީމުން ފެނިގެންދާނެ ކަމަށެވެ. ގްރީންއަށް މި ސީޒަންގައި އިރުޝާދު ދޭނީ ކާމިޔާބު ކޯޗު އަލީ ސުޒޭންއެވެ.