ދިވެހި ފިލްމު އެވޯޑްސްގައި "ވާށޭ މަށާ އެކީ" އަށް ލިބުނު ކާމިޔާބީ އެ ފިލްމުގެ ޓީމުން ރޭ ފާހަގަކޮށްފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ ފިލްމުގެ ޝޫޓިން ނިމުނު ފަހުން މިހާރު ދެ އަހަރު ވެއްޖެ ކަމަށާއި ފިލްމުގެ ހުރިހާ ބައިވެރިން ރޭ ވަނީ އެއްކޮށް ވަގުތުކޮޅެއް ހޭދަކޮށް "ވާށޭ މަށާ އެކީ" އަށް ލިބުނު ކާމިޔާބީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައި ކަމަށެވެ.

"ވާށޭ މަށާ އެކީ" އަށް ލިބުނު ކާމިޔާބީ ރޭ ވަނީ ފާހަގަކޮށްފައި--- ފޮޓޯ/ މޮގާ

މޮގާ ބުނީ ފިލްމަށް ލިބުނު ކާމިޔާބީ އާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މިއީ ފިލްމުގެ ބައިވެރިންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

"އަސްލު ވަރަށް ޑިޒާވިންގް އެވޯޑްތަކެއް ފިލްމަށް ލިބުނީ. ދެ އަހަރު ފަހުން ވާށޭ މަށާ އެކީ ކްރޫ އެއްކޮށް މި ބައްދަލު ކޮށްލެވުނީ. ބައެއްފަހަރު ފިލްމުތަކުގެ ޝޫޓިން ނިމުނީމަ ބައިވެރިންގެ ގުޅުމެއް އެހާ ބަދަހި އެއް ނޫން. އެކަމަކު މި ފިލްމުގެ ހުރިހާ ބައިވެރިންގެ ގުޅުން ވެސް ވަރަށް ބަދަހި،" މޮގާ ބުންޏެވެ.

ފިލްމުގެ ހުރިހާ އެންމެން ވަނީ ރޭ އެއްކޮށް މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާފައި ކަމަށާއި އެ ވަގުތުކޮޅަކީ ވަރަށް ވެސް އުފާވެރި ވަގުތުކޮޅެއް ކަމަށް މޮގާ ބުންޏެވެ.

"ފިލްމުގެ ނޮމިނޭޝަންތައް އިއުލާން ކުރި ހިސާބުން ފެށިގެންވެސް ފިލްމަށް ގިނަ އެވޯޑް ތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރިން. ވަރަށް އުންމީދު ކުރިން. ކާމިޔާބުވެސް ވި،" އޭނާ ބުންޏެވެ.

އެންމެ މޮޅު ފީޗާ ފިލްމަކަށް ވާށޭ މަށާ އެކީ ވަނީ ހޮވިފައި---

އެންމެ ފަހުން ބޭއްވި ދިވެހި ފިލް އެވޯޑްސްގައި ފިލްމު "ވާށޭ މަށާ އެކީ" އަށް ވަނީ ޖުމްލަ ނުވަ އެވޯޑް ލިބިފައެވެ.

އެއީ:

  • ބެސްޓް އާޓް ޑައިރެކްޝަން:ވާށޭމަށާ އެކީ - މުހައްމަދު އަލީ އަދި އަލީ ޝިފާއު
  • ބެސްޓް ކޮރިއޮގްރަފީ:މަރިޔަމް މަޖުދާ / ވާށޭ މަށާ އެކީ
  • ބެސްޓް ކޮސްޓިއުމް:މަރިޔަމް މަޖުދާ / ވާށޭ މަށާ އެކީ
  • ބެސްޓް ސައުންޑް މިކްސިން:މުހައްމަދު އިކްރާމް - ވާށޭ މަށާ އެކީ
  • ބެސްޓް އެޑިޓިން:އަލީ ޝިފާއު - ވާށޭ މަށާ އެކީ
  • ބެސްޓް އެކްޓާ (އަންހެން):މަރިޔަމް މަޖުދާ - ވާށޭ މަށާއެކީ
  • ބެސްޓް އެކްޓާ (ފިރިހެން):ޖުމައްޔިލް ނިމާލު -ވާށޭ މަށާއެކީ
  • ބެސްޓް ޑައިރެކްޓާ:އަލީ ޝިފާއު - ވާށޭ މަށާ އެކީ
  • ބެސްޓް ފީޗާ ފިލްމު:ވާށޭ މަށާ އެކީ