16 Aug 2011, 15:02
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕުގެ ދެ ވަނަ ބުރުގައި އިއްޔެ ހަވީރު ވީބީ ސްޕޯޓްސް އާއި މާޒިޔާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
އިއްޔެ މެޗްގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު، މެޗުގައި ވީބީގެ ލިސްޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަނުކޮށް ހުރި ކުޅުންތެރިއެއް ކަމަށްވާ ގޯލްކީޕަރު ކެލާމާ ހަސަން ރަޝީދު )ހަސަނާ( ކުޅެން އެރުވުމުން ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ދިމާވި އެވެ. އިންޓަވަލް އަށް ފަހު ދެ ވަނަ ހާފު ފެށި ވަގުތު ހަސަނާ ކުޅެން އެރި ނަމަވެސް މާޒިޔާ އިން އެ މައްސަލަ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާ އެކު އޭނާ ވަނީ ބާލައިފަ އެވެ.
އިއްޔެގެ މެޗް އެއްވަރުވެ ކޮންމެ ޓީމަކަށް ވެސް އެއް ޕޮއިންޓު ލިބުނު އިރު، މި ބުރުގެ އެންމެ ކުރީގައި އޮތީ ވެލެންސިޔާ އެވެ. އެގޮތުން ވެލެންސިޔާ ގްރޫޕްގެ އެންމެ ކުރީގައި އޮތީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗްގައި މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކޮށްގެން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. މިމެޗުން ނިއު ބަލިވުމުން އެ ޓީމް އަދި އޮތީ މި ބުރުގެ އެންމެ ފުލުގައި އެއް ވެސް ޕޮއިންޓެއް ނެތި އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.
ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ. އެގޮތުން އެންމެ ރަނގަޅު ދެ ޓީމު ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ އިރު، މެޗުން ބަލިވާ ޓީމް ތިން ވަނަ އަދި ހަތަރު ވަނަ ޓީމް ބައްދަލުކުރާމެޗުން މޮޅުވާ ބަޔަކާއި ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނެ އެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާ ދެ ޓީމަކީ ނިއު އާއި ވިކްޓަރީ އެވެ.