ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހިމެނޭ ކަމަށް ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނެފިއެވެ.

މިސީޒަނުގައި ސިޓީން ދައްކަމުންދާ މޮޅު ކުޅުމުގެ ފަހަތުގައި އެންމެ އިސްދައުރެއް އަދާކުރާ ކުޅުންތެރިޔަކީ ޑިބްރޭނާއެވެ. ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑު ދެމެހެއްޓުމަށް ޑިބްރޭނާގެ ދައުރު ފާހަގަކޮށްލެވެއެވެ.

އުމުރުން 26 އަހަރުގެ ޑިބްރޭނާ، ސިޓީގެ ކޮންޓްރެކްޓް އާކުރަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފައެވެ. އެ ކޮންޓްރެކްޓް އާކުރުމުން 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި އޭނާ މަޑުކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މޮނާކޯއިން މިސީޒަނުގައި ސިޓީއާ ގުޅުނު ބެނާޑޯ ސިލްވާއަކީ ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ޕޯޗުގަލް ގައުމީ ޓީމަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.

"ޑިބްރޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިހާރު އޭނާ އެހުރީ މުޅިން ތަފާތު ލެވެލެއްގައި. އޭނާގެ ކިބައިގައި ހުރިހާ ފެންވަރެއް އެބަހުރި. މިސީޒަނުގައި އޭނާ ވަނީ ތަފާތު ދައްކާފައި. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޑިބްރޭނާ ހިމެނޭނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ސިލްވާ ބުންޏެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ވަރުގަދަ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު އަހަރެންނަށް ލިބުނު. ޑިބްރޭނާއާއި ރޮނާލްޑޯ ކުޅެނީ މުޅިން ތަފާތު ދެ މަގާމަކަށް. އެސިސްޓްކޮށް، ލަނޑުޖަހާ، ޑިފެންސްް އަދި އެޓޭކްކުރެވޭ، މިހުރިހާ ހުނަރެއް ހުރި ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް."