ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގަމުންދާ ރިސޯޓްތަކުގައި ރަލާއި އޫރުމަސް ވިއްކުމަށް ޓުއަރިޒަމް މިނިސްޓްރީން ވަގުތީ ހުއްދައެއް ދީފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ލިބެންޖެހޭ ހިދުމަތްތައް މެދުކެނޑުމެއްނެތި ލިއްބައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަމަށެވެ. އަދި އެ ހިދުމަތްތައް ވިލާގެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށް އެގޮތުގައި ލިއްބައިދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ވަގުތީ ހުއްދައެއް ދޭން ނިންމީ ކަމަށެވެ.

ވަގުތީ ހުއްދަ ދިނުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިލާގެ ކުންފުނިތަކުން ސަރުކާރަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި ކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ޖީއެސްޓީ އަދި ޓީޖީއެސްޓިގެ ގޮތުގައި ދައުލަތައް ދައްކަން ޖެހޭ ފައިސާ ހުރިކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ވީހާވެސް އަވަހަކަށް އެފައިސާ ސަރުކާރަށް ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ގޮވާލަފައެވެ.
"ރިޒޯޓްތައް ހިންގާ ފަރާތްތަކުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރަން. މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަށްވެސް އެންމެ ފައިދާ ހުރި ގޮތް،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ވިލާ ގުރޫޕްގެ ބައެއް ރިސޯޓްތަކަށް ކަސްޓަމްސް އޮފިސަރުން އަރައި ވަނީ ގިނަ އަދަދެއްގެ ރާ އެ ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ދާދި ފަހުން ވަނީ ވިލާ ގްރޫޕުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓުގެ ބަނގުރަލުގެ ލައިސަންސް ވެސް ވަގުތީ ގޮތުން ހިފަހައްޓާފައެވެ.