އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ވަކިން ލޯބިން" އަކީ މުހިއްމު މެސެޖެއް އަންގައިދޭ، މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފިއެވެ.

މޮގާ ބުނީ އެ ފިލްމަކީ ވަރަށް ވަރުގަދަ މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއް ކަމަށެވެ. ސަން އަށް ދިން އިންޓަވިއުއެއްގައި މޮގާ ބުނީ، ފިލްމަކީ 'ފެމިލީ ޑްރާމާ'އެއް ކަމަށެވެ.

"ފިލްމު ބޭސް ކޮށްފަ އިންނާނީ ވަރުގަދަ މެސެޖަކަށް. ރާއްޖޭގައި އާއިލާ ތަކުގައި ހިނގާ އެންމެ ބޮޑު އެއް މައްސަލައަކަށް ތައްޔާރުކޮށްފައި އިންނާނީ. ތިމާއަށް އެ ކަން ދިމާ ނުވިޔަސް ފިލްމު ބަލަމުންދާ ވަގުތު އިހްސާސް ވާނެ ދަންނަ ކޮންމެވެސް މީހަކު އެ މައްސަލަގަނޑު ތެރޭ އުޅޭކަމަށް،" އޭނާ ބުންޏެވެ.

އޭގެ އިތުރަށް މޮގާ ބުނީ "ވަކިން ލޯބިން" އަކީ ކޮންމެ ރައްޔިތަކުވެސް ބަލައިލުން މުހިއްމު ފިލްމެއް ކަމަށެވެ. ފިލްމުގެ 'ކޮންސެޕްޓް' ތަފާތު ވާނެ ކަމަށާއި ފިލްމު ކުރިއަށްދާނީ ވަރަށް ޝައުގުވެރިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް ފެނިގެންދާއިރު ފިލްމުގައި ދެން ހަރަކާތްތެރިވާނެ ތަރިންނަކީ ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން އެވެ.

އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ޓިކެޓް މިހާރު ބުކް ކުރެވޭނެއެވެ.

"ވަކިން ލޯބިން" ވެގެން ދާނީ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ތަފާތު ރީތި ފިލްމަކަށެވެ.