16 Aug 2011, 14:57
މި މަހުގެ ހަ ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި އިނގިރޭސި ދެ މަފިރިންގެ ހަށިގަނޑު އިނގިރޭސި ވިލާތަށް ގެންގޮސް ޕޯސްޓް މޯޓަމް ހަދާފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާގައި ރިޕޯޓް ކޮށްފި އެވެ.
ކުރެއްދޫ ރިސޯޓުގައި ހަނީމޫން ހޭދަކުރަމުން ދަނިކޮށް ކުއަޑް ބައިކް އެކްސިޑެންޓެއްގައި މަރުވި 25 އަހަރުގެ ޖޮނަތަން އަދި އެމާ ގްރޭ އާ ގުޅޭ ގޮތުން އިނގިރޭސި ސަރަހައްދީ ނޫހެއް ކަމައްވާ ޔޯކްސަޔާ ޕޯސްޓްގައި އެދެމަފިރިންގެ އާއިލާއާ ހަވާލާދީ ލިޔެފައި ވަނީ މަރުގެ ހަގީގަތް ހޯދުމަށް ޓަކައި އެދެ މީހުންގެ ވެސް ޕޯސްޓް މޯޓަމް ހަދާފައިވާ ކަމަށާއި އޭގެ ރިޕޯޓް މިއަދު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ގަލޮޅު ސަހަރާގެ މޯޗަރީގައި އޮތް އެ ދެ ޓޫރިސްޓުންގެ ހަށިގަނޑު "މީގެ ދުވަސްކޮޅެއް ކުރިން" އެނބުރި އެ މީހުންގެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ހަށިގަނޑު ގައުމަށް ގެންދިޔަ ތާރީހެއް ސާފުވާގޮތެއް ނުވި އެވެ.
އެދެމަފިރިންގެ އެކްސިޑެންޓާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މީޑިޔާގައި ތަފާތު އަޑުތައް ވަނީ ފެތުރިފަ އެވެ.
އެ އަޑުތަށް ފެތުރިފައި ވަނިކޮށް "ކިންގް ކުއަޑް 700"ގެ ބައިކް ދުއްވަން އިން 23 އަހަރުގެ ފިލިޕްސް ޕެޓްރޭގެ އާއިލާގެ ފަރާތުން ކުރެއްދޫ ރިސޯޓުގެ އެއް ހިއްސާދާރު އަދި ފިލިޕްގެ ބައްޕަ ވަނީ މަރުވި ދެމަފިރިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެކްސިޑެންޓުގެ ފަހަތުގައި "އެއްވެސް ނުބައި ނިޔަތެއް ނުވާ" ކަމަށް ބުނެ ބަޔާނެއް އާންމުކޮށްފަ އެވެ. އަދި އެއީ އެކްސިޑެންޓެއް ކަމަށާއި އެކަން މެދުވެރިވީ ކުއަޑަށް ދިމާވި މައްސަލައަކުން ކަމަށް ބުނެފަ އެވެ.
އަދި އެ އާއިލާ އިން ބުނީ ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެ މީހުން އެއްބާރުލުން ދޭ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެ އެއްބާރުލުން ދޭނެ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ވެހިކަލް ދުއްވުމުގެ ލައިސެންސް ފިލިޕް އަތުގައި އޮންނަ ކަމަށެވެ. ނަމަވެސް އެ ވެހިކަލް ރެޖިސްޓާކޮށްފައި ވަނީ ގޯސްގެޓަގަރީއެއްގައި ކަމަށް ވެސް ފުލުހުންބުންޏެވެ.
ފުލުހުން މިހާރު ވަނީ ތަހުގީގު ނިމެންދެން ފިލިޕް ރާއްޖެ އިން ނުފުރޭ ގޮތަށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.
ކައިވެންޔަށް ހަތް ދުވަސް ފަހުން މަރުވި ޖޮނަތަން އާއި އެމާ ގްރޭގެ ކަށުކަމާކެމީގެ ކަންތައް އޮންނާނީ ހެލިފެކްސް ޕެރިސްޗާޖް ގައެވެ.