22 Jan 2018, 16:37
ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ޕަދްމާވަތުގެ ވާހަކައެވެ. ޕަދްމާވަތީގެ ނަމުގައި ފުރަތަމަ ފެށި އެ ފިލްމު އިއުލާނުކޮށް ޝޫޓިން ފެށުނީއްސުރެ ތަފާތު ގޮންޖެހުންތައް ދިމާވަމުން އައިސް އެންމެ ފަހުން ފިލްމު އަޅުވަން ނިންމާފައިވަނިކޮށް ދިމާވި މައްސަލަތަކެއްގެ ސަބަބުންް ފިލްމު އެޅުވުން ލަސްކޮށް ބައެއް މަންޒަރުތައް ކަނޑަންވެސް ޖެހުނެވެ.
ފިލްމުގެ ނަންވެސް އެންމެ ފަހުން ޖެހުނީ ބަދަލު ކުރާށެވެ. އެތައް ސަކަރާތަކަށްފަހު ސެންސަރު ބޯޑުން ވަނީ ފިލްމު ފާސްކޮށް، އަޅުވަން ހުއްދަ ދީފައެވެ. ނަމަވެސް ބައެއް ސަރަހައްދު ތަކުގައި ޕަދްމާވަތު އެޅުވުމަށް ހުއްދައެއް ނެތެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ.
ކޮންމެއަކަސް މި ސަކަރާތްތަކާއެކު ފިލްމު މިވަނީ ވަރަށް ބޮޑަށް މާކެޓްވެސް ވެފައެވެ. ފިލްމު ބަލަން ބޭނުންވާ އެތައް ބަޔަކު ރާއްޖޭގައިވެސް އެބަތިއްބެވެ. މި ފަރާތްތަކަށް އެ ފުރުސަތު ދެނީ ޝްވެކް ސިނަމާ އިންނެވެ. އަންނަ ބުރާސްފަތި ދުވަހު ރިލީޒްކުރާ މި ފިލްމު ޝްވެކްގައިވެސް އަޅުވާނެއެވެ. އެ ފިލްމުގެ ޓިކެޓް މިރޭ ޝްވެކުން ވިއްކަން ފަށާނެއެވެ. ފިލްމަށް އޮންނަ ޑިމާންޑަށް ބަލައި ޝޯތައް ދައްކާނެ ކަމަށް ޝްވެކުން ބުނެއެވެ.
ކުރިއަށް އޮތް ހަފްތާގެ ޝެޑިއުލް މިހާރު ޝްވެކް ސިނަމާގެ ވެބްސައިޓު އަދި ފޭސްބުކް ޕޭޖުން ފެންނާނެއެވެ.
ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.
އިންޑިއާގައި ޕަދްމާވަތުގެ މައްސަލަ ހޫނުވީ އެ ފިލްމަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ އެވެ.