އަތޮޅު ތެރޭގައި ހިދުމަތްދޭ، ފެނަކަ ކޯޕަރޭޝަންގެ ރީޖަންތަކުގެ ތެރެއިން 12 އަތޮޅެއްގެ 35 ރީޖަނަލް މެނޭޖަރުންނަށް އިންޖިނިއަރިންގް މެނޭޖްމަންޓް ޓެރެއިނިންގް ޕްރޮގްރާމްތަކެއް، ބެންކޮކް ސްކޫލް އޮފް މެނޭޖްމަންޓާ ގުޅިގެން މިއަދު ފަށައިފިއެވެ.

ފެނަކައިން ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފެނަކަ ރީޖަންތަކުގެ މެނޭޖްމެންޓް ވަރުގަދަކޮށް ޤާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި މިއަދު ހެނދުނު ސްޓެލްކޯ ބިލްޑިންގައި ފެށި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހައިރެވެ.

މިއަންނަ ހުކުުރުގެ ދުވަހުގެ ނިޔަލަަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި ކިޔަވައިދޭނީ ބެންކޮކް ސްކޫލް އޮފް މެނޭޖްމަންޓުގެ ގާބިލް ބޭފުޅުންކަމަށް ފެނަކައިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ފެނަކައިގެ އަމާޒު ހުރީ ކުރިމަގުގައި ކޮންމެ މަހަކުވެސް ކޮންމެވެސް ދާއިރާއަކުން މިފަދަ ތަމްރީނު ޕްރޮގްރާމްތަށް ހިންގުމަށް ކަމަށެެވެ.

އަދި ހުރިހާ ރީޖަންތަކެއްގައި އެއްފަހަރާ އެއްތަމްރީނު ޕްރޮގްރާމެއް ހިންގުމަކީ ހަރަދު ކުޑަވާނެ ކަމެއްކަމަށާއި އެގޮތަށް ތަމްރީނުތައް ފަރުމާ ކުރައްވަން ހިޔާލުކުރައްވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.