އެގާރަ އަހަރަށްފަހު އޭއެފްސީ އޭ ލައިންސް ކޯހެއް މާލޭގައި ފަށައިފިއެވެ.

އެފްއޭއެމްއިން ކުރިއަށްގެންދާ މި ކޯސް ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. ކޯހުގައި ތިއަރީއާއި ޕްރެކްޓިކަލް ބައިވެސް ކުރިއަށްދާނެ އެވެ.

ކޯޗިން ކޯސް އިއްޔެ ފަށާފައިވާއިރު، ރާއްޖޭގެ ފުޓުބޯޅައިން އާއްމުކޮށް ފެންނަ ކޯޗުންތަކެއްވަނީ މިފަހަރުގެ ކޯހުގައި ބައިވެރިވެފައެވެ. އަދި ރާއްޖެއިން ބޭރުންވެސް ދެ ކޯޗުންވަނީ ބައިވެރިވެފައެވެ.

އޭއެފްސީ އޭ ލައިންސަންސް ކޯހުގެ ބައިވެރިން --- ފޮޓޯ/ އެފްއޭއެމް

ކޯހުގައި ބައިވެރިވި ރާއްޖޭގެ ކޯޗުންގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު)އާއި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހްވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ކުރިން އީގަލްސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ޝާކިރު (ޝާކިއްޓެ) އަދި އއ. މާޅޮސް ޓީމާއެކު މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާލީގުން ފެނިގެންދިޔަ އަލީ ނިޝްތާރު ހިމެނެއެވެ.

ރާއްޖޭގައި އެންމެ ފަހުން އޭ ލައިސަންސް ކޯސް ބޭއްވީ 2007 ވަނަ އަހަރު އެވެ. އެފްއޭއެމްއިން ވަނީ މިއަހަރު ތެރޭގައި އޭއެފްސީ ސީ ލައިސަންސް، އަދި ފުޓްސަލް ކޯޗިން ކޯހަކަށްވެސް ފުރުސަތު ހުޅުވާލާފައެވެ. ސީ ލައިސަންސް ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ ހަތަރަކުން 18 އަށް ހއ. ދިއްދޫގައެވެ.