ގޭގޭގައި އުކާލަން ހުންނަ ބޮޑެތި ކުނި އުކައިލުމަށް ވެމްކޯއިން ހާއްސަ ހިދުމަތެއް ފަށަން ތައްޔާރުވެއްޖެއެވެ.

މިހާރުވެސް އެ ކުންފުނިން ދެމުން އަންނަ ކޯލް އެންޑް ޕިކް އަޕް ސާވިސް (ކެޕްސް) ގެ ދަށުން ކެޕްސް ލަައިޓް ގެ ނަމުގައި ފެބްރުއަރީ މަހުން ފެށިގެން ހިދުމަތެއް ފަށަން ވަނީ ނިންމައިފައެވެ. އެ ހިދުމަތުގެ ދަށުން ތިން ކެޓަގަރީ އަކަށް ބަހާލައިގެން ކުޑަ އަގެއްގައި ބޮޑެތި ކުނި އުކައިލަދޭނެއެވެ.

ކެޕްސް ލައިޓްގެ ދަށުން އުކައިދިނުމަށް ނިންމާފައިވަނީ ކުނި އުކައިދިނުމުގެ އާންމު ހިދުމަތުގެ ދަށުން އުކައިނުދޭ ކުންޏެވެ.

ކެޓަގަރީ އެކެއްގައި ހިމެނެނީ ޓީވީ، ކޮމްޕިއުޓަރު ސިސްޓަމް، ކުދި މޭޒު، ގޮނޑި ފޮށިގަނޑު ފަދަ ތަކެއްޗެވެ. މި ތަކެތި އުކައިދޭނީ 25 ރުފިޔާގެ ފީ އަކަށެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ ބޮޑެތި މޭޒާއި ސޯފާ ސެޓް،ފްރިޖް، އަލަމާރި ފަދަ ތަކެއްޗެވެ. މި ކެޓަގަރީއިން ކުނި އުކައިދޭނީ 50 ރުފިޔާ އަށެވެ.

ބޮޑެތި ރެފްރިޖަރޭޓަރު، އޭސީ، ބޮޑެތި ގޮދަޑި ފަދަ ތަކެތި ހިމެނެނީ ތިންވަނަ ކެޓަގަރީގެ ދަށުންނެވެ. އެ ކެޓަގަރީގެ ދަށުން ކުނި އުކައިލުމަށް ނަގާނީ 75 ރުފިޔާއެވެ.

ކެޕްސް ލައިޓުގައި ނުހިމެނޭ ކުނި އުކައިދޭނީ ނޯމަލް ކެޕްސް ސާވިސްގެ ދަށުންނެވެ. ކެޕްސް ލައިޓުގެ ހިދުމަތް ދޭނީ ހަފްތާގެ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

"ބައެއް ފަހަރު ދިމާވާ މައްސަލައެއް މަގުމަތީ މޭޒު، ގޮދަޑި ފަދަ އެއްޗެހި ބަހައްޓާފައި ހުރުން. އެގޮތަށް ބަހައްޓަނީ އެކަހަލަ ކުނިއުކަން ބޮޑު ހަރަދެއް ދާތީ. 250 ނޫނީ 300 ރުފިޔާ ހަރަދުކޮށްފައި ކުނި އުފުލަން ޖެހޭތީ. އެކަމަށް ހައްލެއް ގެނައުމަށް ކެޕްސް ލައިޓް ތައާރަފްކުރީ،" ވެމްކޯއިން ބުނެއެވެ.

ކެޕްސް ލައިޓުގެ ހިދުމަތް ހޯދުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުމުން ހަމަޖެހޭނެއެވެ.