22 Jan 2018, 16:15
ޕީއެސްޖީ އަދި ބްރެޒިލްގެ ތަރި ނޭމާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ސްޕެއިންގެ މީޑިއާތަކުން ފަތުރަނީ ނޭމާއަށް ޖެއްސުން ކުރަން ކަމަށް އޭނާއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ މާކީނިއޯސް ބުނެފިއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯގެ އަގަކަށެވެ.
ޕީއެސްޖީގެ ފުރަތަމަ ދުވަސްކޮޅުގައި އެޓީމުގެ ފޯވާޑް ކަވާނީއާވެސް މައްސަލަތަކެއް ޖެހުނު ނޭމާއާ ގުޅިގެން މިހާރު ފެތުރެމުންދާ ވާހަކައަކީ އޭނާ ރެއާލަށް ބަދަލުވާން އުޅޭކަމުގެ ވާހަކައެވެ.
މިވާހަކަތާ ގުޅިގެން ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް ބުނެފައިވަނީ ސްޕެއިންގެ މީޑިއާއިން ނޭމާއަށް ޖެއްސުން ކުރަނީ ކަމަށެވެ. އަދި ނޭމާ ކުޅޭ ކުޅުން ފެނުމުން މީޑިއާއަށް އެކަން ބަލައިނުގަނެވެނީ ކަމަށާއި، ނޭމާ ޕީއެސްޖީއަށް އައިތާ އަދި ގިނަ ދުވަސް ނުވިނަމަވެސް ޕީއެސްޖީގައި އޭނާ ހުރީ އުފަލުން ކަމަށްވެސް މާކީނިއޯސް ބުންޏެވެ.
މާކީނިއޯސް ބުނީ ނޭމާ ދާން ބޭނުންވާ ހިސާބަކަށް ގެންދިއުމަށް އޭނާގެ ރައްޓެހިންނާ އޭނާއަށް ހެޔޮއެދޭ މީހުން ތިބީ ޕީއެސްޖީގައި ކަމަށާއި، ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުން ނުވާ ކަމަށެވެ.
ވޭތުވެދިޔަ ސީޒަން ނިންމާލުމަށްފަހު ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާ އަންނަނީ އެޓީމާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ނޭމާވަނީ ޕީއެސްޖީއާއެކު ކުޅުނު 18 މެޗުން 18 ގޯލް ޖަހައި 12 އެސިސްޓް ހަދައިދީފައެވެ.