ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވައިލެއްވި، ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 39 މެންބަރުންގެ ތާއީދާ އެކު ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރުމަށް ލާޒިމްކޮށް އެ ބިލު ފާސްކުރުމަށް، ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ބިލު ފާސްކު ރުމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 37 މެންބަރުން ނެވެ. އަދި ބިލު ފާސް ކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވި އެވެ.

ތަސްދީގު ނުކުރައްވައި އަލުން ވިސްނެވުމަށް އެބިލު ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވާފައި ވަނީ، ގާނޫނުގައި ބުނާ ބައެއް ކަންތަކާ ބިލުގައި ބުނެފައިވާ ކަންތައްތައް ތައާރަޒުވާ ކަމަށް ވިދާޅުވެފަ އެވެ.

އެޓާނީ ޖެނެރަލްގެ ލަފައާ އެކު ފޮނުއްވާފައިވާ އެ ބިލާ އެކު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަވަށު ކައުންސިލްގެ ބާރުތައް ފުށުއަރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ސިޓީކައުންސިލް އުފެއްދުމުގެ ބާރު ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ކަމަށާއި އެ ބިލު ތަސްދީގު ކުރައްވައިފި ނަމަ އެބާރު ހަނިވެގެންދާ ކަމަށާއި އެކަމުގެ ސަބަބުން ގާނޫނުގައިބުނާ ކަންތައްތަކާ ތައާރަޒުވެގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ދާއިރާތަކުގެ ތަރައްގީގެ ޕްލޭންތައް ހިންގުމުގައި ވެސް ބިލުގައިބނެފައިވާ ކަންތައްތަކާއި ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ތައާރަޒުވާކަމަށް ވެސް އެ ސިޓިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެ ބިލު ތަންދީޒު ކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަ ކުރެވޭތީ އާއި ބިލު ގާނޫނަކަށް ވުމުން ލާމަރުކަޒީ ނިޒާމަށް އަންނާނެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑުތަން އިތުރުވެގެންދާނެތީ މަޖިލީހުން އަލުން ވިސްނާ ވަޑައިގަތުމަށް ބިލު މަޖިހިލީހަށް ފޮވުވީ،" ކަމަށް ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީގައިވެ އެވެ.