ދިއްލީ(ޖެނުއަރީ 22): ދެހާސް އަށް ވަނަ އަހަރުގެ ޖުލައި މަހު ގުޖުރާތުގެ އަހުމަދުއާބާދުގައި ދިން ނުރައްކާތެރި ހަމަލާތަކެއް ރޭވުމުގައި އިސްކޮށް ހުރި އަބްދުލް ސުބްހާން ގުރޭޝީ ހޯދާތާ 10 އަހަރު ފަހުން މިއަދު އޭނާ ހައްޔަރުކޮށްފިއެވެ.

އިންޑިއާއިން މަނާކޮށްފައިވާ 'ސްޓޫޑެންޓްސް އިސްލާމިކް މޫވްމެންޓް އޮފް އިންޑިއާ - އިންޑިއަން މުޖާހިދީން'ގެ މެމްބަރެއް ކަމަށްވާ ގުރޭޝީ ހައްޔަރުކުރީ ފުލުހުންނާ ހަމަލާ ބަދަލު ކުރި ފަހުން ކަމަށް ދިއްލީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޕީއެސް ކުޝްވާ ވިދާޅުވި އެވެ.

"އިންޑިއާގެ ބިން ލާދިން"ގެ ނަން ދީފައިވާ ގުރޭޝީ ވަނީ ތަކުރާރުކޮށް އޭނާގެ ސިފަ ބަދަލުކޮށްގެން ފުލުހުންނަށް ފިލާފައި ކަމަށް އިންޓެލިޖެންސް އޮފިސަރުން ބުނެއެވެ. އަދި މީގެ ކުރިން ބެންގަލޫރާއި ހައިދަރުއާބާދުގެ އައިޓީ ކުންފުނިތަކުގައި މަސައްކަތްކޮށްފައިވާ ގުރޭޝީ އަކީ ބޮމުގެ މާހިރެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ނެޝަނަލް އިންޓެލިޖެންސް އޭޖެންސީ (އެންއައިއޭ) އިން ވަނީ 2006 ވަނަ އަހަރު މުމްބާއީގެ ރޭލުތަކަށް ދިން ހަމަލާތަކާއި ދިއްލީ އާއި ބެންގަލޫރަށް ދިން ޓެރަރިސްޓު ހަމަލާތަކެއްގައި ވެސް ގުރޭޝީގެ އަތެއްވާ ކަމަށް ތުހުމަތުކޮށްފައެވެ.

ދެހާސްއަށް ވަނަ އަހަރުގެ ޖުލައި 26ގައި އަހުމަދުއާބާދަށް ދިން 21 ބޮމުގެ ހަމަލާގައި 56 މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. (ޓައިމްސްއޮފްއިންޑިއާ)