23 Jan 2018, 09:16
ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު ފުރަތަމަ ގެނެސްދޭ ފިލްމު "ވަކިން ލޯބިން" އަކީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ފިލްމުގެ ލީޑުން ފެނިގެންދާ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ބުނެފިއެވެ.
މަޖޫ ބުނީ ޑާކްރެއިން އެންޓަޓެއިންމެންޓުން މަޖޫ ފެނިގެން ދިޔަ ފިލްމު ތަކާ އަޅާ ބަލާއިރު "ވަކިން ލޯބިން" އަކީ ތަފާތު ފިލްމެއްކަމަށެވެ.
"ވަރަށް ސަޅި އެކްސްޕީރިއެންސް އެއް މިއީ. އަނެއްކާ އެހާ ސަޅި. އަބަދުވެސް ބަލަނީ މަޖޫގެ އެންމެ ބެސްޓް ދެއްކޭތޯ. ތަފާތު ރޯލަކުން މަޖޫ ފެނިގެންދާނީ. ފިލްމުން މަޖޫގެ އެންމެ ބެސްޓް މި ފިލްމުން ފެނިގެންދާނެ،" ހުނަރުން ފުރިގެންވާ ބަތަލާ ބުންޏެވެ.

ކުޅަދާނަ ބަތަލާ މަރިޔަމް މަޖުދާ--- ފޮޓޯ/ ފޭސްބުން
އޭނާ ބުނީ ފިލްމު ތަފާތުވެގެން ދަނީ ފިލްމުގައި ހަރަކާތްތެރިވާ ކުޑަކުދިންތަކުގެ ސަބަބުން ކަމަށެވެ. ކުޑަކުދިންނާ އެއްކޮށް މަސައްކަތް ކުރުމަކީ މަޖާ ކަމެއް ކަން އޭނާ ވަނީ ސަން އަށް ދިން އިންޓަވިއުގައި ބުނެފައެވެ.
"ފިލްމުން ފެނިގެންދާނެ ޖުމްލަ ފަސް ކުޑަކުދިން. އެ ކުދިންނާ އެއްކޮށް ޝޫޓް ކުރާ އިރު ގިނަ ވަގުތު ހޭދަވިޔަސް އެ ތަޖުރިބާ އަކީ ވަރަށް ތަފާތު ތަޖުރިބާ އެއް،" މަޖޫ ބުންޏެވެ.
އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސް ހަފްލާގައި އެންމެ މޮޅު އަންހެން ބަތަލާގެ އެވޯޑު ހޯދި މަޖޫ ބުނީ ފިލްމުގެ ކާސްޓުންނާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ކޮންމެ ތަރިއަކީ ވެސް އެ މީހެއްގެ ފެންވަރުން އެހީތެރިވެދެމުން އަންނަ ފަންނާނެއްކަމަށް މަޖޫ ވަނީ ފާހަގަކޮށްފައެވެ.
"ޝޫޓިން ކުރިއަށްދާ ވަގުތު ވެސް ކާސްޓުންގެ ފަރާތުން ވަރަށް އެއްބާރުލުން ލިބުނު. އެކަކަށް ނޭނގޭ އެއްޗެއް އަނެކަކަށް ކިޔާދޭ. ޖުމްލަކޮށް ބުނާނަމަ ވަރަށް މަޖާ. ވަރަށް ސަޅި،" އޭނާ ބުންޏެވެ.

ހުނަރުވެރި ބަތަލާ މަރިޔަމް މަޖުދާ--- ފޮޓޯ/ ފޭސްބުކް
ފިލްމާ ދޭތެރޭ ކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި ބެލުންތެރިންނަށް ކަމުދާ އެކްޓެއް ފިލުމުގައި ދެއްކިފައިވާނެ ކަމަށް އުންމީދު ކުރާ ކަމަށް މަޖޫ ބުންޏެވެ. އޭނާ ބުނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް ހުރި ފިލްމު ތަކުން ފެންނާނެ ކަމަށާއި މި އަހަރުވެސް މަޖޫ ސްކްރީނުން ފެނިގެންދާނެ ކަމަށެވެ.
އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު މަޖޫގެ އިތުރުން ލީޑް ރޯލުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް އެވެ.
މީގެ އިތުރުން ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ވަކިން ލޯބިން" ފުރަތަމަ ޕްރޮމޯޝަން ލަވަ "ޕަރީ" ވަނީ ނިމިގެން ދިޔަ ހަފްތާގައި އާންމުންނަށް ދޫކޮށްލާފައެވެ.

"ވަކިން ލޯބިން"ގެ ޕޯސްޓަރެއް
އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.