މޯލްޑިވްސް ބްރޯޑްކާސްޓިން ކޮޕަރޭޝަން (އެމްބީސީ) އަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ދިނުމަށް ހަމަޖައްސާފައިވާ ފައިސާ ފިނޭންސް މިނިސްޓްރީން ދޫނުކޮށް ހިފެހެއްޓި މައްސަލާގައި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެމްބީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން މިއަދު ބަލައިގެންފި އެވެ.

އެމްބީސީން ފިނޭންސް މިނިސްޓަރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ ދައުލަތުގެ ބަޖެޓުން އެ ކޯޕަރޭޝަނަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމުގެ ބާރު އިނާޒަށް ލިބިފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ ފައިސާ މިއަދުން މިއަދަށް ދޫކޮށްދިނުމަށް ވެސް އިނާޒްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެދައުވާގައި އެދިފައިވެ އެވެ.

އެމްބީސީގެ ޤާނޫނީ ވަކީލާ އައިސަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ އެ މައްސަލާގައި ފިނޭންސް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރައްވަނީ ބަޖެޓަށް ޒިންމާވެވަޑައިގެންނަވަން ޖެހޭ ފަރާތްތަކީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމުގައިވާތީ އެ ދައުވާއަކީ ޝަހުސީ ގޮތުން ކުރާ ދައުވާއެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ސަހްޝީގޮތުން ޒިންމާ އަދާނުކުރައްވާ ފަރާތްތަކާ މެދު ދައުވާކޮށްފައިވާ ކަމަށާއި ރާއްޖޭގައި ވެސް އެފަދަ ދައުވާތައް މީގެކުރިން ވެސް އުފުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްބީސީން ދައުވާގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓަރުގެ މައްޗަށް ދައުވާކުރަން ނިންމީ ދައުލަތުގެ ބަޖެޓުން އެކޯޕަރޭޝަނަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދޫނުކޮށް ހިފެހެއްޓެވުމާ ގުޅިގެން އެކޯޕަރޭޝަނަށް ކުރިމަތިވަމުންދާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަމަށް އެއްވެސް މަގެއް ފެނިފައިނުވާ ކަމަށެވެ. އަދި އެކޯޕަރޭޝަންގެ ބަޖެޓް ނުލިބިމުގެ ސަބަބުން އެކޯޕަރޭޝަނުން ކުރަން ރާވާފައި ހުރި އެތައް މަސައްކަތްތަކަކަށް ހުރަސްއެޅިފައިވާ ކަމަށާއި އެކޯޕަރޭޝަން ހިންގުމަށް ހިފާފައިވާ އިމާރާތުގެ ކުލި ނުދެއްކި، ތަނަށް ހޯދާފައިވާ ބައެއް ތަކެތީގެ ބިލްތަކަށް މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ކަމަށް ވެސް އެމްބީސީން ބުންޏެވެ.

އެމްބީސީއަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ 95 މިލިއަން ރުފިޔާގެ ތެރެއިން އެކޯޕަރޭޝަނުން މިހާތަނަށް ލިބެމުން އަންނަނީ އެކޯޕަރޭޝަނުން ހޯދުމަށް އެދިފައިވާ ހަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އެކަންޏެވެ.