އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި ފާއިތުވި ހަތަރު ހަފްތާ ވަންދެން އެންމެ ބޮޑު އާމްދަނީ އަކާއެކު ސޮނީ ފިކްޗާސްގެ "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" އެއްވަނައިގާ ހިފަހައްޓާލައިފި އެވެ.

ދުނިޔޭގެ ހިޓެއްގެ ގޮތުގައި ގަދަކޮށްފައިވާ އެކްޝަން އެޑްވެންޗާ ކޮމެޑީ އެ ފިލްމު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ދުނިޔޭގެ 14800 ސްކްރީނެއްގައި އަޅުވައި 32.6 މިލިއަން އެމެރިކާ ޑޮލަރުގެ ލިބިފައެވެ.

އެ ފައިދާއާއެކު، 110 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި 1995 ވަނަ އަހަރު ރިލީޒްކުރި ޖުމާންޖީ ފިލްމުގެ ސީކްއެލް ފިލްމަށް ވަނީ މިހާތަނަށް 767.8 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.

އެއީ ބައިނަލްއަގްވާމީ ސްކްރީނިންތަކުން އެ ފިލްމަށް ލިބުނު 450 މިލިއަން ޑޮލަރާއި ޑޮމެސްޓިކުން ލިބުނު 317 އެމެރިކާ ޑޮލަރެވެ.

ލީޑު ރޯލުން، ޑުވޭން ޖޯންސަން، ޖެކް ބުލެކް، ކެވިން ހާޓް، ކަރެން ގިލަން ފަދަ ތަރިން ފެނިގެންދާ އެ ފިލްމަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ޗައިނާއިންނެވެ. އެގޮތުން ދެ ހަފްތާގެ ތެރޭގައި ޗައިނާއިން އެކަނިވެސް އެ ފިލްމަށް ވަނީ 65.8 މިލިއަން ޑޮލަރު ލިބިފައެވެ.

އެއީ "ސްޓާ ވޯސް: ދަ ލާސްޓް ޖެޑީ" އަށް ތިން ހަފްތާގެ ތެރޭގައި ލިބުނު އާމްދަނީ އަށްވުރެ ވެސް ބޮޑު ފައިދާއެކެވެ. ޑިޒްނީ- ލޫގަސްފިލްމުގެ އެ ފިލްމަށް ތިން ހަފްތާގެ ތެރޭގައި ޗައިނާއިން ލިބިފައިވަނީ 40.6 މިލިއަން ޑޮލަރެވެ.