22 Jan 2018, 10:30
ތައިލެންޑު ސަރުކާރުން ދޭ ސްކޮލަޝިޕް ފުރުސަތު ތަކެއްގައި އަށާރަ ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކެއް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފިއެވެ.
ތައިލެންޑް އިންޓަނޭޝަނަލް ޕޯސްޓްގުރެޖުއޭޓް ޕްރޮގްރާމް (ޓީއައިޕީޕީ)ގެ ދަށުން ތައިލެންޑު ސަރުކާރުން ހުޅުވާލި އެ ފުރުސަތުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ ތަރައްގީއާ ގުޅުންހުރި ދާއިރާތަކުގެ ކޯސްތަކެވެ.
އެގޮތުން ފުރުސަތު ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ހެލްތު ކޮންސިއުމާ ޕްރޮޓެކްޝަން އެންޑް ހެލްތު މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިން، ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ، މެޑިކަލް ޓެކްނޮލޮޖީގެ އިތުރުން ނާސިންގ ސައިންސް، ޕަބްލިކް ހެލްތު، ސޯޝަލް ޑިވެލޮޕްމަންޓް އަދި ސަސްޓެއިނަބަލް އެނާޖީ މެނޭޖްމަންޓް ކޯސް ފާހަގަކޮށްލެވެއެވެ.
ޑީއެޗްއީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ދެ އަހަރު ދުވަހުގެ އެ ކޯސްތަކުގެ ތެރެއިން ކޮންމެ ކޯހަކަށް ވެސް ފުރުސަތު ހުޅުވައިލާފައި ވަނީ ފަސް ފުރުސަތު ކަމަށެވެ.
އަދި ސްކޮލަޝިޕް ފުރުސަތުގެ ދަށުން ހުރިހާ ހަރަދެއް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭ އިރު ސްކޮލަޝިޕް ލިބޭ ދަރިވަރަކު ބޭނުންނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ ލޯން އެލަވެންސް ހަމަޖައްސައިދޭނެ ކަމަށް ޑީއެޗްއީން ބުނެއެވެ.
އެ ޑިޕާޓްމަންޓުން ބުނީ، ތައިލޭންޑުގެ އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓައިކާ) އިން ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވާ އެ ސްކޮލަޝިޕްތަކަށް ހޮވުނުކަން ނުވަތަ ނޫންކަން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެނގޭނެ ކަމަށެވެ.
ކޯސް ފުރިހަމަކުރުމަށްފަހު، ޑީއެޗްއީން ކަނޑައަޅާ ތަނެއްގައި ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭ ގޮތަށް ދޭ އެ ސްކޮލަޝިޕް ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިންނެވެ.
ސްކޮލަޝޮޕަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ވެލާނާގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ޑީއެޗްއީގެ ކައުންޓަރަށެވެ.